ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ދިގު މުއްދަތަކަށް އަދާކުރެއްވި އަދި ދިރާގުގެ ޗެއާމަންކަން ވެސް ކުރެއްވި ރިލްވާން ޝަރީފް އާލާސްކަންފުޅާއުޅުއްވުމަށްފަހު މިއަދު އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިލްވާން އަވަހާރަވީ މީގެ 6 މަސް ދުވަސް ކުރިން ސްޓްރޯކެއް ޖެހިވަޑައިގަތުމާ ގުޅިގެން އައިޖީއެމްއެޗް ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރުއެމްއައިޓީ ޔުނިވާސިޓީއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން އިންޓަނޭޝަނަލް ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި ރިލްވާން ވަނީ 2011 ވަނަ އަހަރުން ފެށިގެން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ގިނަ އަހަރުތަކެއް ވަންދެން ފުރުއްވާފަ އެވެ. އެ މުއްދަތުގެ ތެރޭގައި ވިލާ އެއާގެ ހިންގުން ހަރުދަނާކުރުމަށާއި ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
ވިލާ އެއާގެ އިތުރުން ރިލްވާން ވަނީ ސަރުކާރާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ދިރާގުގެ ޗެއާމަންގެ މަގާމު އަދާކުރެއްވުމުގެ އިތުރުން، މިނިސްޓްރީ އޮފް ފައިނޭންސްގެ ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ.
މީގެއިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ރިލްވާން އަވަހާރަވުމަކީ ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ޓެލެކޮމިއުނިކޭޝަން އަދި މާލީ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެކެވެ.
އީރާން ހަނގުރާމައަށް އުންމީދު އެބައޮތް: ޔޫއޭއީ
ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
އެންޑީއޭގެ މަރުކަޒުން ފިލި ފައިރިޝް ހޯދައި ހައްޔަރުކޮށްފި
