ނެގި ލޯނެއް ނުދެއްކުމުގެ މައްސަލައިގައި ހެވީލޯޑް ކުންފުނިން ރަހުނުކޮށްފައިވާ ތިން ރަށެއް ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސިވިލް ކޯޓުން އަނެއްކާވެސް ދީފި އެވެ.

ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު މި އަމުރު ނެރުނީ، ބީއެމްއެލްއިން އެދުނު އަގަށް އެ ރަށްތައް ވިއްކާލުމަށް ހެވީލޯޑް ކުންފުނިން އެއްބަސްވުމާ ގުޅިގެންނެވެ. މި އަމުރަކީ އެ ކުންފުނިން ބީއެމްއެލްއިން ނަގާފައިވާ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނު ނުދެއްކުމުގެ މައްސަލައިގައި ނެރުނު އަމުރެކެވެ.

ލޯނުގެ ރަހުނުގެ ގޮތުގައިވާ ތިން ރަށުގެ ވެރިފަރާތަކީ ހެވީލޯޑް ކުންފުންޏާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުރުން އޭނާގެ ތިން ދަރިންނެވެ. ހެވީލޯޑް ކުންފުނީގައިވެސް މޫސާ މަނިކާއި އޭނާގެ ދަރިންގެ ހިއްސާ އޮވެއެވެ.

ސިވިލް ކޯޓުގެ އަމުރުގައިވާ ގޮތުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ރަށްތައް ވިއްކާލުމުގެ ހުއްދަ ބީއެމްއެލްއަށް ވަނީ ދީފައެވެ. އެގޮތުން ފުރަތަމަ މަހު ރަށްތައް ވިއްކުމުގެ ފެށޭ އަގަކީ 46 މިލިއަން ޑޮލަރެވެ.

ފުރަތަމަ މަހުގެ ތެރޭގައި އެ ރަށްތައް ނުވިއްކިއްޖެނަމަ، ދެވަނަ މަހު ފެށޭ އަގަކީ 40 މިލިއަން ޑޮލަރެވެ. އަދި ތިންވަނަ މަހުގައި ރަށްތައް ވިއްކަން ފަށާނެ އަގަކީ 38 މިލިއަން ޑޮލަރު ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

ވިއްކާލަން ހުއްދަ ދީފައިވާ ތިން ރަށަކީ ލ. ފަރެސް އާއި ލ. ކުޑަފަރެސް އަދި ލ. ބޮޑުހުރާއެވެ. މީގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ "ރަހާ ރިސޯޓް" ހިންގަމުންދާ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެކެވެ.

މި ރަށްރަށުގެ ހެޑް ލީޒް މުއްދަތު ހަމަވާނީ 2064 ވަނަ އަހަރުގަ އެވެ. މީގެ ކުރިންވެސް މި ރަށްތައް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިން ނަމަވެސް، އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.