ކުރިއަށް މިއޮތް ތިން ހަފްތާގެ ތެރޭގައި ކޮވިޑް-19 ގެ ވެކްސިން ދޭން ފެށުމަށް އިނގިރޭސިވިލާތުގެ ހެލްތު ޗީފުން ތައްޔާރުވާން ފަށާފައިވާ ކަމަށް ދަ ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފި އެވެ.

ގައިސް އެންޑް ސެންޓް ތޯމަސް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓުގެ ވެރިޔާ ޖޮން ފިންޑްލޭ ވިދާޅުވިގޮތުގައި މި މަސް ނިމުމުގެ ކުރިން ވެކްސިން ދޭން ފެށުމާ ގުޅޭގޮތުން ލަންޑަންގެ ބޮޑެތި ހޮސްޕިޓަލްތަކުގެ އިސްވެރިންނާއެކު ވެސް މަޝްވަރާކުރައްވާފައިވެ އެވެ.

އެންމެ ފުރަތަމަ ވެކްސިން ދެވިގެންދާނީ އުމުރުން ދުވަސްވީ މީހުން ބަހައްޓާ ތަންތަނުގައި ތިބި މީހުންނާއި އުމުރުން 80 އަހަރަށް ވުރެ ދޮށީ މީހުންނާއި ކުރީ ސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށެވެ.

މި ހަބަރު ލިބުމުގެ ކުރީގައި ޑެއިލީ މެއިލް އިން ވަނީ ވެކްސިން ދިނުމުގެ ޕްލޭންތައް ހަދާ، އެންއެޗްއެސްގެ މުވައްޒަފުންނަށް ވެކްސިން ދިނުމަށް އީޔޫގެ އެޕްރޫވަލް ޕްރޮސެސްއާ ނުލައި އެކަން ކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ގާނޫނުތައް ހަދާފައިވާ ކަމަށް ބުނެފަ އެވެ. އަދި ބްރެކްސިޓްގެ ޓްރާންސިޝަން މުއްދަތު ހަމަވާ ތާރީހު، ޑިސެމްބަރު 31 ގެ ކުރިން ވެކްސިން ދޭން ފެށުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފިންޑްލޭ އާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ވެކްސިން ދެވޭނީ ދެ ޑޯޒަކަށް ބަހާލައިގެން ތިނެއް ނުވަތަ ހަތަރު ހަފްތާ ގެ މުއްދަތެއްގަ އެވެ. އެހެން ނަމަވެސް ފްލޫ ވެކްސިނެއް ދެވިފައިވާ ނަމަ ހަތް ދުވަސް ފަހުންނެވެ.