އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަލް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އެކަމަނާއަށް އަވަސް ޝިފާއެއް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާނީ އެލިޒަބަތް ކޮވިޑަށް ޕޮޒިޓިވްވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި އެމަނިކުފާނާއި ދިވެހި ހުރިހާ ރައްޔިތުންވެސް އެދެނީ އެކަމަނާއަށް އަވަސް ޝިފާއެއް ދެއްވުމަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރާނީ އެލިޒަބަތް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކަމަނާ ދިރިއުޅެއްވާ ޝާހީ ގަނޑުވަރުން އާންމުންނަށް މައުލޫމާތުދެމުން ބުނީ، އެކަމަނާގެ ކިބައިން މިހާތަނަށް ފެންނަމުން ދަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށެވެ. އެކަމާއި ގުޅިގެން އެކަމަނާ އަދާކުރައްވާ އާދައިގެ ޒިންމާތައް އަންނަ ހަފްތާތަކުގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ވެސް އެގަނޑުވަރުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ރާނީ ދިރިއުޅެއްވާ ގަނޑުވަރުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ބައެއް މީޑިއާތަކުން މައުލޫމާތުދީފައިވެ އެވެ.

އިންގިރޭސިވިލާތުގެ ރާނީ އެލިޒަބަތަށް 95 އަހަރު ފުރިފައިވާއިރު، އެކަމަނާ ވަނީ މިމަހުގެ ހަވަނަ ދުވަހު ރަނިކަމަށް 70 އަހަރު ފުރުމުގެ އަލިމަސް ޔޫބީލް ފާހަގަ ކުރައްވާފަ އެވެ.