މުއާސަލާތީ ހިދުމަތް ދިނުމަށް އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް މިއަދު ވިދާޅުވީ ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށެވެ. ނަމަވެސް އާ ޓެލެކޮމް އޮޕަރޭޓޭރަށް ލައިސަންސް ދޭން ހުޅުވާލާނީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެ އެވެ.
މި ބަދަލާއެކު އަންނަ އަހަރު ބަޖެޓަށް އިތުރަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.
ރާއްޖޭގައި މިހާރު މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ނަގާ އަގު އިންތިހާއަށް ބޮޑުވެ، ހިދުމަތުގެ ފެންވަރު ދަށްކަމަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. ހާއްސަކޮށް މި ބަލިމަޑުކަމުގެ ތެރޭގައި ވެސް އާއްމުންނަށް މާބޮޑު ލުޔެއް ނުދޭ ކަމަށް ބުނެ ޝަކުވާކުރަން ފެށުމުން ދިރާގާއި އުރީދޫން ހިލޭ އެލަވަންސްތަކެއް ދިން ނަމަވެސް ޕެކޭޖްތަކުގެ އަގަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.
ދިރާގާއި އުރީދޫއަށް މިދިޔަ ތިން ކުއާޓަރުގައި ވެސް ބޮޑު ފައިދާއެއް ލިބިފައިވެ އެވެ. އެގޮތުން ދިރާގަށް މިދިޔަ ކުއާޓަރުގައި އެކަނި ވެސް 158,6 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިފައިވެ އެވެ. އަދި އުރީދޫއަށް ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދިރާގާއި އުރީދޫގެ އިތުރުން އިންޓެނެޓްގެ ހިދުމަތް ރާއްޖެ އޮންލައިން ކިޔާ ކުންފުންޏަކުން ވެސް ދެމުންގެންދެ އެވެ. އަދި އެ ކުންފުނީގެ އިންޓަނެޓް ޕެކޭޖްތަކުގެ އަގުތައް ވެސް އެހެން ކުންފުނިތަކާ މާބޮޑު ތަފާތެއް ނުހުރެ އެވެ.