އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ޖާގައިގެ މައްސަލަ ވަރަށް އަވަހަށް ހައްލު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަހުމަދިއްޔާއަކީ ރާއްޖޭގައި ތައުލީމީ ބިންގާ އެޅުމަށްޓަކައި، ކުރި ވަރަށް ބުރަ މަސައްކަތެއްގެ ނަތީޖާ ކަމަށެވެ. ރައީސް ވަނީ އަހްދިއްޔާ ސްކޫލުން ކިޔެވި ދަރިވަރުން ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުގެ މަތީ މަގާމްތަކާއި، ފަންނީ އަދި ހުނަރުވެރި ތަފާތު ދާއިރާތަކުގައި ތިއްބެވިކަން ފާހަގަކުރައްވާފަ އެވެ.

"އިތުރު ހަރަކާތެއް ބާއްވާނެ ބިންކޮޅެއް، ތުުއްތު ކުދިން ކުޅެން ނިކުމެލާނެ ބިން ކޮޅެއް ވެސް ނެތް. އެ މައްސަލަ މި ސުކޫލުގެ ފަރާތުން ވަނީ ސަރުކާރަށް ވެސް ހުށަހަޅައިފަ އަޅުގަނޑު ދަންނަވާނީ ކޮންމެ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއް ވާނެ ކަމަށް. އެ ކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދެއްވުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 40 އަހަރުފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި އަލްމަރްހޫމް ޑީ އަހްމަދު ދީދީ ހަނދާނަށް އެރުވޭ ހާއްސަ އެވޯޑްދެއްވުމާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.