ޔޫއޭއީގައި ރާބުއިމާއި ކައިވެންޏަކާ ނުލާ އެކުގައި ދިރިއުޅުން ގާނޫނީ ކުށެއްގެ ގޮތުގައި އޮތް އޮތުން އުވާލާ އެކަންތައް ކުރުމުގެ ހުއްދަ ދީފި އެވެ.

ޔޫއޭއީއަށް ދުނިޔޭގެ އެކި ހިސާބުތަކުން އަދި ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުން ގިނަ އަދަދަކަށް ފަތުރުވެރިން ދަތުރުކުރާ ގައުމެއް ކަމުން، މިހާރު ދަނީ އެގައުމުގައި ހުރި އިސްލާމީ "ހަރުކަށި" ކަމަށް ބުނެވޭ ގާނޫނުތަކަށް ލުއި ދެމުންނެވެ.

އެއާއެކު ޔޫއޭއީގެ ހުރިހާ ހިސާބެއްގައި ވެސް މަނާކަމެއް ނެތި ރާބޮއެ އަދި އަންހެނުންނާއި ފިރިހެނުންނަށް ކައިވެންޏަކާ ނުލާ އެއް ގެއެއްގައި، އެކުގައި ދިރިއުޅުމުގެ މަގު ފަހިވެގެންދާނެ އެވެ.

އާންމުކޮށް އިސްލާމީ ޝަރީއާ ގާނޫނު ހިނގާ މެދު އިރުމަތީގެ ގައުމުތަކުގައި މިފަދަ އަމަލުތަކަށް ގާނޫނުގެ ތެރެއިން ހުއްދައެއް ނުދެ އެވެ. ޑަބްލިއުއޭއެމް ނިއުސް އެޖެންސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުއޭއީގެ މި ނިންމުމަކީ އެ ގައުމުގެ އިގްތިސާދާއި އިޖުތިމާއީ ފެންވަރު ރަނގަޅުކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.

މީގެ ކުރިންވެސް ޔޫއޭއީގެ ބައެއް ނިންމުންތަކުގެ ސަބަބުން މުސްލިމް ގައުމުތައް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން އިޒްރޭލާއެކު ހެދި ރަހުމަތްތެރިކަމުގެ އެއްބަސްވުމާއި ފްރާންސްއަށް ސަޕޯޓުކުރުން ހިމެނެ އެވެ.

ޔޫއޭއީ މިހާރު އޮތީ އިޒްރޭލުގެ ފަތުރުވެރިން ގެނެއުމަށް ވެސް ތައްޔާރަށެވެ. އެ ގައުމުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަސް ޕެންޑެމިކާއި ގުޅިގެން އަސަރުކޮށްފައިވާ އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ކޮލަށް ޖެހުމުގެ ގޮތުން އެކި އެކި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

ރާބުއިމާއި ހިލޭ އަންހެނުންނާއި ފިރިހެނުންއެކުގައި ދިރިއުޅުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަންކަމެވެ.