ސްރީލަންކަން އެއާލައިންސް އާއި މަންޓާ އެއާ ގުޅިގެން ސްރީލަންކާގެ ކޮލަންބޯ އާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާ ދެމެދު ދަތުރުތައް ފެށުމުގެ މަސައްކަތް ފަށައިފި އެވެ.
މަންޓާއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ އެއާލައިންސްގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ދަތުރުތައް ފެށުމަށް އަދި ހަމަޖެހިފައި ވަނީ ކޫއްޑޫ އާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ.
ހަލީލް ވިދާޅުވީ މިހާރު ރޭވިފައިވާގޮތުގެ މަތިން ކޮންމެ ހޮނިހިރު ދުވަހަކު މާލެއިން ގަމަށް އަންނަ ފްލައިޓް ގއ. ކޫއްޑޫ އެއާޕޯޓްގައި ޖައްސާނެ އެވެ.
"ސްރީލަންކަން އެއާލައިން އިން އައްޑުއަށް ކުރާ ދަތުރުތައް އިތުރުވާ ވަރަކަށް ކޫއްޑޫއަށް ކުރާ ދަތުރުތައް ވެސް އިތުރުވެގެންދާނެ. މިއާއިއެކު ކޮލަންބޯއާއި މުޅި ދެކުނު ސީދާ ގުޅިގެން ދާނެ،" ހަލީލް ވިދާޅުވި އެވެ
ހަލީލް ވިދާޅުވީ ހުވަދު އަތޮޅުގައި ހިންގަމުންދާ އެހެން އެއާޕޯޓްތަކާއި ގަމާ ގުޅާލުމުގެ މަސައްކަތް ވެސް ފެށުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށާއި ކުޑަހުވަދޫ އެއާޕޯޓުން ގަން އެއާޕޯޓަށް ސީދާ ދަތުރުތައް ވީއެންމެ އަވަހަށް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފ. އަތޮޅަށް ވެސް ދަތުރުތައް ފެށުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްރީލަންކަން އެއާލައިންގެ ރީޖަނަލް މެނޭޖަރު ޖަޔަންތާ އަބްސިންހާ ވިދާޅުވީ އެ އެއާލައިނުން އައްޑޫއަށް ދަތުރުކުރަން ފެށީއްސުރެ އެހިސާބާއި ކޮލަންބޯއަށް ގުޅާލުމަށް ފުރުސަތެއް ލިބޭދޯ ވަރަށް ބޮޑަށް އުންމީދުކުރެއްވި ކަމަށާއި މިއަދު އެކަން ކާމިޔާބުވެފައިވާ ކަމަށެވެ އަދި އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ. އަދި އެ އެއާލައިނުން އައްްޑޫއަށް ކޮށްމެ ދަވަހަކު ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަންތާ އެއާގެ އައްޑުއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މި ދަތުރުތަކުގައި މަންޓާ އެއާ އިން ނިންމާފައިވަނީ ކޮމްފަޓް ކުލާހުން އެއްކޮޅަށް 1250 ރުފިޔާ އަށް ޓިކެޓް ވިއްކާށެވެ. ސެފަޔާ ކުލާހުގެ ޓިކެޓެއް 1850 ރުފިޔާ އަށް ވިއްކުމަށެވެ.
މަންތާ އެއާލަްއިން ގެ އެޖެންޓުން މެދުވެރިކޮށް ޓިކެޓް ގަންނަން ލިބޭނެ އިންތިޒާމު މަންތާއެއާ އިން ވަނީ ހަމަޖައްސާފަ އެވެ.