ސަލްޓަންސް އޮފް ދަ ސީސް ކުންފުނިން ރާއްޖެ އެތެރެކުރި ދެ ލޯންޗެއްގެ އަގު އޮޅުވާލި މައްސަލާގައި 110 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ދައުލަތަށް އިމްޕޯޓް ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަން ރުފިޔާ ދައްކަން ސަލްޓަންސްގެ މައްޗަށް 2010 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު އެ ކުންފުނިން ރާއްޖެ އެތެރެކުރި ދެ ލޯންޗަކީ ބޭނުން ކޮށްފައިވާ ދެ އުޅަނދެއް ކަމަށް ބުނެ އޭގެ އަސްލު އަގު އޮޅުވާލި މައްސަލައެއްގަ އެވެ. އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ހައި ކޯޓުން ވަނީ ހުކުމް ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސަލްޓަންސް އިން ގެނައި ދެ އުޅަނދަކީ މުޅިން އާ ދެ އުޅަނދު ކަން ކަސްޓަމްސްގެ ތަހުގީގުންނާއި ސިވިލް ކޯޓުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހޯދި މައުލޫމާތުތަކުން އެނގޭ ކަމަށެވެ. އެ ދެ އުޅަނދު ގަތުމަށް ސަލްޓަންސް އިން ބޭންކުން ލޯނެއް ކަމާއި އަދި އޭގެ ތެރެއިން އެއް އުޅަނދަކީ 2007 ވަނަ އަހަރު ބޭރުގައި ބޭއްވި ފެއާއެއްގައި އަލަށް ނެރުނު އުޅަނދެއް ކަން ތަހުގީގުން ހޯދާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ކަސްޓަމްސް އިން ދެ އުޅަނދަށް ކުޑަ ޑިއުޓީއެއް ކަނޑައެޅުމަށް ފަހު އެ މައްސަލަ އަލުން ތަހުގީގު ކުރުމަކީ ގާނޫނާ ޚިލާފް ކަމެއް ނޫން ކަމަށެވެ. އޭރު އެ ބާވަތުގެ މައްސަލަތައް އަލުން ތަހުގީގު ކުރަން ވަކި މުއްދަތެއް ގާނޫނުގައި ނޯންނަ ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އަދި ހައި ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.