ރަޝިއާއިން ޔޫކްރެއިން ހިފަން ހަނގުރާމަ ކުރަމުންދިޔަ ނަމަވެސް މިވަގުތު އެއްވެސް ހާސްކަމެއް ނެތް ކަމަށް ޔޫކްރެއިން ހުރި ދިވެއްސަކު މިރޭ ބުނެފި އެވެ.

ޔޫކްރެއިންގެ އިވާނޯގައި މެޑިސިން ކިޔަވާ ހަމްނާ އަހުމަދު "ހުރިހާ"އާ ވާހަކަދައްކަމުން މިރޭ ބުނީ އެ ސިޓީގެ ބައެއް ތަންތަނަށް ހަމަލާދޭ އަޑު ރޭ ފަތިހު ފަހެއް ޖަހާކަންހާއިރު އިވުނު ކަމަށެވެ. ނަމަވެސް އޭގެ ފަހުން ހަމަލާދޭ އަޑެއް ނީވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިތަނުގައި މިވަގުތު އެއްވެސް ހަމަލާއެއް ދޭ އަޑެއް ނީވޭ. ވަރަށް ހަމަހިމޭންކޮށް މިއޮތީ،" ހަމްނާ ބުންޏެވެ.

ހަމްނާއާއެކު އެތަނުގައި މިވަގުތު އިތުރު 14 ދިވެހިން އެބަތިއްބެވެ.

ޔުކްރެއިންގެ ހުޅަނގުގައި އޮންނަ ސިޓީގައި ކިޔަވާ ހުރިހާ ދިވެހި ދަރިވަރުން ތިބީ އެއްތަނެއްގައި ޖަމާވެގެންނެވެ. އޭގެ އިތުރުން އެ ގައުމުގެ ކާކިވްގައި ވެސް 8 ދިވެހިންނާއެކު ޖުމްލަ 24 ދިވެހިން އެބައުޅެ އެވެ.

ހަމްނާ ބުނީ އެ މީހުންގެ ހާލު ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ. އަދި ވީއެންމެ އަވަކަށް އެ ގައުމުން އެ މީހުންނަށް ބޭރުވެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފޮރިން މިނިސްޓްރީން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އެބަދޭ އަޅުގަނޑުމެން ވީއެންމެ އަވަހަކަށް ރައްކާތެރި ތަނަކަށް ފޮނުވަން. މިގޮތުން ޕޮލަންޑް، ރޮމެނިއާ، ހަންގޭރިއަށް ވެސް ދެވޭނެ ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށް ބުނި،" ހަމްނާ ބުންޏެވެ.

އޭނާ ބުނީ އެ މީހުން ރައްކާތެރިކަމާއެކު އެ ގައުމުން ބޭރު ކުރެވޭތޯ މަސައްކަތްކުރާއިރު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެ މީހުންނަށް ފައިސާގެ އެހީ ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހާލު ފޮރިން މިނިސްޓްރީ އާއި އެމްބަސީން ވަރަށް ކައިރިން ބަލަމުން އަންނަނީ. އަޅުގަނޑުމެން މިތަނުން ވީއެންމެ އަވަހަކަށް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް އެބަކުރޭ،" ހަމްނާ ބުންޏެވެ.

ދިވެހި ޚާރިޖިއްޔާއިން މިއަދު ބުނީ ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ޔޫކްރެއިންގެ ކާކީވް ސިޓީގައި މިވަގުތު ފަސް ދަރިވަރުން އެބަތިބި ކަމަށެވެ. އެ ސަރަހައްދަށް ރަޝިއާއިން މިހާރު ދަނީ ހަމަލާ ދެމުންނެވެ. މީގެ އިތުރުން އިވާނޯ-ފްރެންކިވްސްކްގައި ދިރިއުޅޭ 14 ދަރިވަރުން އެބަ ތިބި ކަމަށާއި އަދި އެގައުމުގެ އެހެން ސިޓީއެއްގައި އިތުރު ދަރިވަރަކު އުޅޭ ކަމަށެވެ. މިހުރިހާ ކުދިންގެ ހާލު ވެސް ބަލަމުން އަންނަ ކަމަށާއި އެންމެގެ ހާލުވެސް ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.