ކީވް (26 ފެބްރުއަރީ) - ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމަ ތިންވަނަ ދުވަހަކަށް ކުރިމަތިލާފައިވާއިރު ދެފަރާތުގެ ލަޝްކަރުން ވެސް ވަނީ ހަމަލާ ބަދަލު ކުރުންތައް ވަރުގަދަ ކޮށްފަ އެވެ. ނަމަވެސް ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއްބާރަށް ވާއިރު އެ ގައުމުގެ ލަޝްކަރާ އަޅާބަލާއިރު ނިސްބަތުން ކުޑަ ޔޫކްރެއިންގެ ލަޝްކަރާ ބޮޑު ތަފާތެއް ހުންނާނެ ކަން ޔަގީނެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި ރަޝިއާގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އަސްކަރިއްޔާ އެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެެތެވެ. ބިމުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ގައުމު ކަމަށް ރަޝިއާވާއިރު އެ ގައުމަށް ލިބިފައިވާ ނިއުކްލިއާ އަދި އަސްކަރީ ބާރުތައް ޔޫކްރެއިންއާ އަޅާބަލާއިރު ހާސް ތަފާތެވެ.

ސަލާމަތީ ކަންކަމަށް ކުރާ ޚަރަދުތައް

އެންމެ ފުރަތަމަ ކަމަކަށް ދެ ގައުމުން އެގައުމުގެ އަސްކަރިއްޔާއާ ސަލާމަތީ ކަންކަމަށް ކުރާ ޚަރަދަށް ބަލާލި ނަމަވެސް ފެނިގެން ދަނީ ދެގައުމުގެ ދެމެދުގައި އޮތް ބޮޑު ފަރަގެވެ. 2021 ވަނަ އަހަރު ޔޫކްރެއިންއިން 4.7 ބިލިއަން އެމެރިކާ ޑޮލަރު އެގައުމުގެ އަސްކަރީ ކުރިއެރުމަށް ހޭދަ ކުރިއިރު، ރަޝިއާއިން އޭގެ ދިހަގުނަ އިތުރަށް 45.8 ބިލިއަން އެމެރިކާ ޑޮލަރު އަސްކަރީ ކަން ކަމަށް ހޭދަ ކުރި އެވެ،

ރަޝިއާއިން 2008 ވަނަ އަހަރު އެގައުމުގެ އަސްކަރިއްޔާ ޒަމާނީ ކުރަން ފެށި ކެމްޕެއިނެއްގެ ދަށުން އަސްކަރިއްޔާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު ޔޫކްރެއިންގެ އަސްކަރިއްޔާ އަދިވެސް އޮތީ މީގެ ބައިގަރުނު ކުރިން ސޮވިއެޓް ޔޫނިއަންގެ ޒަމާނުގައި އޮތް ހާލަތުގައި ކަމަށް ބުނެވިދާނެ އެވެ.

އިންސާނީ ވަސީލަތްތައް

ކުރިން ވެސް ދެންނެވުނު ފަދައިން ރަޝިއާއަކީ ބިންބޮޑު، އެއާ އެއްވަރަށް އާބާދީ ވެސް ބޮޑު ގައުމެކެވެ. އެހެން ކަމުން ރަޝިއާގެ އަސްކަރިއްޔާއަކީ ސިފައިންގެ އަދަދަށް ބަލާއިރު ވެސް ޔޫކްރެއިން އަސްކަރިއްޔާއަށްވުރެ އެތައް ގުނައެއް ވަރުގަދަ އަސްކަރިއްޔާ އެކެވެ.

މިވަގުތުގެ ހާލަތަށް ބަލާއިރު ހަނގުރާމައިގެ މައިދާނުގައި ރަޝިއާގެ 900،000 ސިފައިން ހަރަކާތްތެރި ވަމުންދެ އެވެ. އެއް މިލިއަނާ ގާތްކުރާ ރަޝިއާގެ އެ ފައުޖާ ކުރިމަތިލާން މިވަގުތު ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރި ވަނީ ޔޫކްރެއިންގެ 196،000 ސިފައިންނެވެ.

މީގެ އިތުރުން ވެސް ރިޒާވްގެ ގޮތުގައި ރަޝިއާގެ ދެ މިލިއަން ސިފައިން ތައްޔާރީ ހާލަތުގައި ތިބިއިރު، ޔޫކްރެއިން އަސްކަރިއްޔާގައި އެ އަދަދު އުޅެނީ 900،000 ގަ އެވެ.

ހަނގުރާމައިގެ ތަފާސް ހިސާބުތައް ފޮޓޯ: ސީ އެން އެން

އަސްކަރީ ހަތިޔާރާއި އުޅަނދުތައް

އަސްކަރީ ހަތިޔާރާއި އުޅަނދުތަކަށް ބަލާއިރު ވެސް ރަޝިއާގެ ލަޝްކަރަކީ ވާދަކުރަން އުނދަގޫވާނެ ވަރުގަދަ ލަޝްކަރެކެވެ. އެއްގަމާއި ވައި އަދި ކަނޑުގެ މަގުން ޔޫކްރެއިންއާ ދެކޮޅަށް އެ ލަޝްކަރުން ބޭނުން ކުރަމުން އައި ހަތިޔާރުތަކަކީ ޔޫކްރެއިންއަށް ހަމަލާތަކަށް ރައްދުދޭން ދަތިކުރުވި ކަމެކެވެ.

އެއްގަމު އުޅަނދުތަކަށް ބަލާއިރު ރަޝިއާ ލަޝްކަރުގައި 15،857 ޓޭންކު ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވަމުން އަންނައިރު ޔޫކްރެއިން ލަޝްކަރުގައި އެ އަދަދު އުޅެނީ 3،307ގަ އެވެ.

ރަޝިއާ އަސްކަރިއްޔާގައި 1،391 އަސްކަރީ މަތިންދާ ބޯޓާއި 821 ހެލިކޮޕްޓަރު ހަރަކާތްތެރިވާއިރު ޔޫކްރެއިންގެ ލަޝްކަރުގައި އުޅެނީ 128 މަތިންދާ ބޯޓާއި 55 ހެލިކޮޕްޓަރެވެ.

މީގެ އިތުރުން ވެސް ރަޝިއާ ލަޝްކަރުން 49 ކަނޑުއަޑީގެ ސަބްމެރިން ބޭނުން ކުރަމުން އަންނައިރު ޔޫކްރެއިންގެ ލަޝްކަރުގައި ކަނޑުގެ އެއްވެސް އުޅަނދެއް ބޭނުމެއް ނުކުރެ އެވެ.

ހަމަލާ ބަދަލުކުރުންތައް

ހަނގުރާމައިގެ ތިންވަނަ ދުވަހަށް ކުރިމަތިލާފައިވާއިރު ދެފަރާތުގެ ކުރިމަތިލުންތައް ވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެފަ އެވެ. ޔޫކްރެއިންގެ ލަޝްކަރުގެ ބަލިކަށިކަމާއެކު ވެސް އެގައުމުން ވަނީ ރަޝިއާއަށް ކާމިޔާބު ރައްދު ހަމަލާތަކެއް ދީ އެގައުމުގެ ފަސް ޖެޓެއް ވައްޓާލާފަ އެވެ.

ވަރުގަދަ ރަޝިއާގެ ލަޝްކަރުގެ ކުރިމަތީގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން އެގައުމުގެ ސިޔާދަތު ހިމާޔަތް ކުރަން ކުރަމުން އަންނަ ހިތްވަރަކީ ސާބަސް ހައްގު ހިތްވަރެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ޔޫކްރެއިންގެ ސިފައިންގެ ދެ މީހަކު ހަތިޔާރާއެކު މަގުމަތީގައި ފޯރިމަރަނީ. ފޮޓޯ: އޭޕީ

ނަމަވެސް ހަނގުރާމަ ކުރިއަށް ދާ ރޭޓުން ރަޝިއާ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް ވެރިރަށް ކީވް ގޮސްފިނަމަ ދެން އިތުރަށް އެ ގައުމާ ކުރިމަތިލާން ޔޫކްރެއިންގެ އަސްކަރިއްޔާއަށް އުނދަގޫވާނެ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ރަޝިއާއި ޔޫކްރެއިންގެ އަސްކަރިއްޔާގައި ހުރި ތަފާތު ވަރަށް ސާފުވެގެންދެ އެވެ. އެހެން ނަމެވެސް ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ އެހީތެރިކަމެއް ނެތި ޔޫކްރެއިންއިން އަންނަނީ އެގައުމުގެ މިނިވަންކަމާއި ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ވަރުގަދަ ރަޝިއާއާ ކުރިމަތި ލަމުންނެވެ.