އދ. ދަނގެތީގައި ރަހުމުކުޑަ ގޮތަކަށް ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މަހުމޫދު މަރާލި މައްސަލައިގައި ސަލީމް ވަނީ، ޝަރީއަތުގައި ބޭއްވި ތަހުގީގު މަރުހަލާގައި އިބްތިދާއީ މަރުހަލާގެ އިތުރުން ވާރިސުންގެ ބަސް ނެގުމުގެ މަރުހަލާގައި ވެސް މަހުމޫދު މަރާލިކަމަށް އިއުތިރާފުވެފަ އެވެ.

މަހުމޫދު މަރާލި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސާލިމް ތަކުރާރުކުރީ އޭނާ މީގެ ކުރިން ވެސް ބުނި ބަހެވެ. އޭނާ ބުނީ، އޭނާ މަހުމޫދު މަރާލީ ޝައިތޯނާ ބޮލަށް ވަދެގެން ކަމަށެވެ. އަދި އެކަމާ އޭނާ ހިތާމަކުރާ ކަމަށް ބުނެފައިވެ އެވެ.

މަހުމޫދުގެ ވާރިސުންގެ ބަސް ނެގުމުގެ މަރުހަލާގައި އެއްވެސް ވާރިސަކު ދިޔަ ނަގަން ބޭނުމެއް ނުވެ އެވެ. އެހެންނަމަވެސް އެ ހުރިހާ ވާރިސުން ވެސް އެދިފައިވަނީ މަރަށް މަރުހިފުމަށެވެ. މި މައްސަލައިގައި ސާލިމަށް ދޭ އަދަބެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ މަހުމޫދުގެ ހުރިހާ ވާރިސުން އިއްތުފާގު ވެފައިވާގޮތަށް މަރަށް މަރުގެ ހުކުމް އިއްވުމަށެވެ. މި ހުށަހެޅުމަށް ދިފާއުން ވެސް ދެކޮޅުހަދާފައެއް ނުވެ އެވެ.

އެގޮތުން މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި މައްސަލަ ބައްލެވި ގާޒީ އަހްމަދު ޝަކީލް ވަނީ އަވަސް ނިޔާގެ ދަށުން ސާލިމަށް ކުށުގެ އަބަދު ކަނޑައަޅުއްވައި ހުކުމް އިއްވާފަ އެވެ. ޣާޒީ ޝަކީލް ވަނީ ޝަރީއަތުގައި ވާރިސުން އެދިފައިވާ އެދުން، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތީން ތަންފީޒުކުރުމަށް ހުކުމްކޮށްފަ އެވެ. އަދި އިސްލާމީ ޝަރީަތުގައިވާ އުސޫލްތަކާ ހިލާފު ނުވާނެ ގޮތުގެ މަތިން ސާލިމް މަރާލަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހައްގަކާއި ނުލައި މީހަކު މެރުމަކީ އިސްލާމް ދީނުގައި އެންމެ ބޮޑެތި ފާފަތަކުގައި ހިމެނޭ ފާފައެއް ކަމުގައި ވުމުން މައްސަލަ ބެއްލެވި ޣާޒީ ވަނީ، މަރުވުމުގެ ކުރިން، ކުރެވުނު ކުށަށް ތައުބާވެ، ދުނިޔޭގައި ދެން ހޭދަކުރާ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

މަހުމޫދު މަރާލި ގޮތް ފުލުހުންނަށް ސާލިމް ކިޔައިދީފައިވާއިރު، މަހުމޫދު މަރާލީ އޭނާ އުޅޭ ގެއަށް ގެންދިއުމަށްފަހު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިކަން ހިނގީ، އޭނާ އަތުން ފައިސާ ހޯދުމަށް އުޅުމުގެ ތެރޭގައި ކަމަށާއި، މަހުމޫދު ފައިސާ ނުދިނުމުން ހިނގި ކުރިމަތިލުމަކަށް ފަހު ކަމަށް އޭނާ ބުނެ އެވެ.

މަހުމޫދުގެ އެތަން މިތަނަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާއިރު، މަރާލުމަށްފަހު، މަހުމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް މަހައި އެންމެ ކައިރީގައި ހުރި ފަޅު ގޭގައިވާ ވަޅަކަށް ވައްޓާލީ ކަމަށް ސާލިމް ކިޔައިދިނެވެ. އަދި މިކަމުގައި އެއްވެސް މީހަކު ބައިވެރިވެފައި ނުވާ ކަމަށާއި، މި ހުރިހާ ކަމެއްވެސް ކުރީ އޭނާ އަމިއްލައަށް ކަން ފުލުހުންނަށް ހާމަވެފައިވެ އެވެ.

މަހުމޫދުގެ ހަށިގަނޑު އިތުރަށް ބަލައި ތަހުގީގުކުރުމުގައި އޭނާގެ ހަށިގަނޑުން އެކި ވަރުވަރުގެ ޒަހަމްތައް ފެނިފައިވެ އެވެ. މީގެ ތެރޭގައި ބޮލަށް ދިން މައިގަނޑު ތިން އަނިޔާއެއް ފެންނަން ހުރި އިރު، މި ހަމަލާތައް ދިނުމަށް ބޭނުންކޮށްފައިވަނީ ހަމައެކަނި އެންމެ ތޫނު ހަތިޔާރެއް ނޫން ކަމަށާއި، އެކި ވައްތަރުގެ ތޫނު އެއްޗިހި ބޭނުންކޮށް މަހުމޫދަށް އަނިޔާ ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަހުމޫދު މަރާލި މައްސަލަ ފުލުހުންނަށް އޭނާގެ އާއިލާއިން ރިޕޯޓުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގަ އެވެ. އޭނާ ނުފެނި ހޯދަމުން ގެންދަނިކޮށް ފެނިފައިވަނީ އެ ރަށުގައި ހުރި ފަޅު ގޯއްޗެއްގައި ހުރި ވަޅަކަށް ގޯންޏަކަށް ލާފައި އައްސާފައި އޮއްވަ އެވެ.

މި މައްސަލައިގައި ސާލިމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ.

ސާލިމް މަރާލަން ހުކުމް ކުރިނަމަވެސް، މަރުގެ މައްސަލަތަކުގައި، ޝަރީއަތުގެ ތިން މަރުހަލާއެއް ފުރިހަމަކުރުމަށް ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. އެގޮތުގެ މަތީން ކުށް ކުރިކަން އިތުރަށް ޔަގީން ކުރުމަށް ހައި ކޯޓާއި، ސުޕްރީމް ކޯޓުގައި މިމައްސަލައިގެ ޝަރީއަތް ކުރިއަތް ކުރިއަށްގެންދަންޖެހެ އެވެ.

މަހުމޫދު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ސާލިމަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. ސާލިމަކީ، އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލު ކޮށްފައިވާ މީހެއް ނަމަވެސް، ގަވާއިދާއި ހިލާފަށް ރާއްޖެ އައިސްގެން އުޅޭ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.