ރާއްޖޭގައި އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމާ މެދު ގޮތްތަކެއް ކަނޑައެޅުމަށް ރައީސް އޮފީހުގެ ސޯޝަލް ކައުންސިލަށް ކަރުދާހެއް ހުށަހަޅާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކުޑަކުދިން އަމިއްލައަށް ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ސޯޝަލް ކައުންސިލަށް ހުށަހެޅި ނަމަވެސް، އެކަމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި މިކަމުގައި ވަކި ގޮތެއް ނިންމާނީ ސޯޝަލް ކައުންސިލްގައި ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު، އެކި ހިޔާލުތަކާ އެކު ކެބިނެޓާ ހަމައަށް ގޮސްގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމްތަކެއް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހުތަކެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. މިދިޔަ ޖޫން މަހު ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގެ ސަބަބުން ކުދިން ވަރަށް ނުރަނގަޅު ކަންކަމުގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ސައިބާ ބުލީން އަދި އޮންލައިން ގްރޫމިން އަކީ މުޅި ދުނިޔޭގައި ވެސް އޮތް ބޮޑު މައްސަލައެކެވެ. އަދި ބައެއް ޕްލެޓްފޯމްތަކަކީ ކުދިން ވަރަށް ނުރައްކާތެރި ކޮންޓެންޓަށް އެކްސްޕޯސްވާ ތަންތަން ކަމަށާއި، ރާއްޖެ ފަދަ ކުޑަ އިސްލާމީ މުޖުތަމައެއްގައި އެފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަކީ ސަރުކާރާއި އިދާރާތަކުގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރަން ނިންމަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއިން މި ފިޔަވަޅުތައް އެޅުމުގައި މިސާލެއްގެ ގޮތުގައި ބަލާނީ އޮސްޓްރޭލިއާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އޮސްޓްރޭލިއާގައި މިދިޔަ އަހަރު ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ޓިކްޓޮކް، އިންސްޓަގްރާމް، ފޭސްބުކް، އެކްސް، ރެޑިޓް އަދި ޔޫޓިއުބް ބޭނުންކުރުން މަނާކޮށްފަ އެވެ. އެ ގައުމުގައި އެކަން ތަންފީޒުކުރުމަށްޓަކައި އެކައުންޓް ހުޅުވާއިރު އުމުރު ކަށަވަރުކުރުމަށް ސެލްފީއާއި އައިޑީ ކާޑު އަދި ބޭންކް އެކައުންޓް ލިންކު ކުރުން ފަދަ އުސޫލުތައް ވަނީ ހަމަޖައްސައިފަ އެވެ.