ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުންގެ ތެރެއިން އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހިމް އަހުމަދު ނިޔާވި ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމައިފި އެވެ.

ކަށުނަމާދު ޕޭޖުން އާންމުކޮށްފައިވާ ގޮތުގައި އިބްރާހިމް އަހުމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު މަސްޖިދުލް ސަލްމާން ގަ އެވެ. ހާދިސާ ހިނގި މިދިޔަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު އޭނާ ނިޔާވި ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮގަސްޓް 2 ގައި ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އޮގަސްޓް ފަސް ވަނަ ދުވަހުގެ ރޭގަ އެވެ. ދޯނީގައި ދަތުރުކުރި މީހުންގެ ތެރެއިން ބަޔަކު ސަލާމަތް ކުރެވުނު ނަމަވެސް، އުމުރުން 39 އަހަރުގެ އިބްރާހިމްގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35އ) އާއި، ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.

ގާނޫނީ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ގެއްލޭ މީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރެވެނީ އެ މީހަކު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅުމަށްފަހުގަ އެވެ.

ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން ހޯދުމަށް އެމްއެންޑީއެފްގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ ފުޅާ ދާއިރާއެއްގައި ވަރުގަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގާފަ އެވެ. އެގޮތުން ހުވަދޫ ކަނޑުގެ ބޮޑު ސަރަހައްދެއްގެ އިތުރުން، ލ. އަތޮޅާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވަނީ ބަލައި ފާސްކޮށްފަ އެވެ.

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ ނޭވީގެ ޕީ-8 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ބޭނުންކޮށްގެން ހުވަދޫ ކަނޑުގެ ބޮޑު ސަރަހައްދެއް ވައިގެ މަގުން އޮޕަރޭޝަނުގައި ވަނީ ބަލައިފައެވެ. ނަމަވެސް އެ ސަރަހައްދުން ގެއްލުނު އެއްވެސް މީހަކު ފެނިފައެއް ނުވެ އެވެ.