ކަރީނާ ކަޕޫރާއި ބިޕާޝާ ބާސޫ އަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދީފައިވާ ދެފަންނާނުންނެވެ.

އެހެންނަމަވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މިދެފަންނާނުންނަކީ އެކަކު އަނެކަކުދެކެ އިންތިހާއަށް ނަފްރަތުކުރާ ދެފަންނާނުންނެވެ. ބިޕާޝާ އާއި ކަރީނާއާ ދެމެދު ހަމަނުޖެހުން ހިނގި ދުވަސްވަރު ބޮލީވުޑްގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އެދެމީހުންގެ އަރައިރުމުގެ ވާހަކަތަކެވެ.

ބޮލީވުޑްގައި މަޝްހޫރުކަން ހޯދައި ކާމިޔާބު ވުމަށް ފަންނާނުން ދުވާލާއި ރޭގަނޑު މިންނެތް މަސައްކަތް ކުރާއިރު، އެހެން ދާއިރާތަކެކޭ އެއްފަދައިން ފިލްމީ ދާއިރާގައިވެސް ވާދަވެރިކަން ވަރަށް ބޮޑެވެ. އެގޮތުން އެއް ފަންނާނަކު އަނެއް ފަންނާނެއް ދެކެ ރުޅިއަންނަ ވާހަކަތަކަކީ އައު ވާހަކަތަކެއްވެސް ނޫނެވެ.

އެގޮތުން ބިޕާޝާ އާއި ކަރީނާ ހަތުރުންނަށްވީ އިންޓަވިއުއެއްގައި ކަރީނާ ބުނި އެއްޗަކުންނެވެ. ކަރީނާ ވަނީ ބިޕާޝާއާ ދިމާލަށް، އޭނާ އަކީ ކަޅު ބުޅަލެއް ކަމަށް ބުނެފަ އެވެ. ކަރީނާގެ މި އިބާރާތް މުޅި މީޑިއާތަކުގައި އޮތެވެ. ހަމައެހެންމެ އެކަމުގެ ހަބަރު ބިޕާޝާއަށް ލިބުމާއެކު އޭނާ ވެސް ކަރީނާ އާއެކު އިތުރަށް އެއްވެސް ފިލްމެއް ނުކުޅުމަށް ނިންމައި އެކަން އިއުލާނުކުރި އެވެ.

ކޮންމެ އަކަސް އެދެފަންނާނުންނަކީ މިހާރު ބޮލީވުޑްގައި ފާހަގަކޮށްލެވޭ ދެ ފަންނާނުންނެވެ. ދެ ފަންނާނުންވެސް އާންމުންގެ ތެރޭގައި ބޮޑަށް މަގުބޫލުވެފައިވަނީ އެދެފަންނާނުންގެ ރީތިކަމާއި، ހުނަރަށެވެ.