އިޓަލީގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިންތިހާއަށް އިތުރުވެ، އެ ގައުމުގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައި ވާތީ އަލުން ލޮކްޑައުން ކުރަން ސިއްހީ މާހިރުން ގޮވާލައިފި އެވެ.

"ހާލަތު ކޮންޓްރޯލުން ނެއްޓިފައިވާކަމާ މެދު ޝައްކެއް ވެސް ނުކުރަން،" އިޓަލީގެ މިލާން ރިނޯޑް ސާކޯ ހޮސްޕިޓަލްގެ އިންފެކްޝަސް ޑިޒީޒް ޑިޕާޓްމެންޓްގެ ހެޑް އައްސިމޯ ގައްލީ ވިދާޅުވި އެވެ.

އާދީއްތަ ދުވަހު އެކަނި އިޓަލީއިން 32،616 ކޭސް ރިޕޯޓުކުރިއިރު އެ ގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 935،104 އަށް އަރާފަ އެވެ. މިއާއެކު މި ބަލި ޖެހިގެން މިއަދު 331 މީހުން މަރުވެ ޖުމްލަ މަރުގެ އަދަދު ވެސް 41،400 އަށް އަރަ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު ގިނަވެގެން ގޮސް ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، ބައެއް ބަލި މީހުންނަށް ސްޓްރެޗަރު މަތީ ބާއްވައިގެން އޮކްސިޖަން ގުޅާފައި ވެސް އެބަހުއްޓެވެ.

އިޓަލީގެ ސިއްހީ ކަމާބެހޭ ފަރާތްތަކުން މުޅި ގައުމު ލޮކްޑައުންކުރުމަށް ގޮވާލަމުން ދަނިކޮށް އެ ގައުމުން ވަނީ ރޭގަނޑު 10 އަކުން ފަތިހު ފަހަކަށް ކާފިއު އިއުލާނުކޮށް މާސްކު އެޅުން މަޖުބޫރުކޮށްފަ އެވެ.