ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މޯލްޓާގައި ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް ނަޝީދު، އެ ގައުމަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިރެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ނަޝީދު ވަނީ މިދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހަށް ލިބުނު ދައުވަތަކަށް ކުރައްވާ ދަތުރެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު މިރޭ ފުރާވަޑައިގަންނަވާނެ ކަމަށާއި، ރާއްޖެ އެނބުރިި ވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މި ދަތުރުފުޅުގައި، އެ ގައުމުގައި ބާއްވާ "ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް، އަބްދުލްއަޒީޒް ސައުދު އަލްބަޓައިން" ގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް ނަޝީދުގެ އަރިހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމްގެ އިތުރުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

"އަޅުގަނޑު މިރޭ ފުރަން. އެހެންނަަމަވެސް އާދިއްތަ ދުވަހު އެނބުރި އާދެވޭނެ، މި ދަތުރުގައި ގިނައިން އޮތީ ދަތުރު ކުރުމުގެ ވަގުތު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މޯލްޓާގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސްގެ ދެވަނަ އެޑިޝަން އެވެ. މިމަހުގެ ތިން ވަނަ ދުވަހާއި ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް ކުރިއަށް ދާނީ މޯލްޓާގެ ރައީސް ޖޯޖް ވެލާގެ ބެެއްލެވުމުގެ ދަށުންނެވެ.