ވޮޝިންޓަން (03 މާޗް) - ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ވޯލްޑް ބޭންކުން އެގައުމާއި ބެލަރުސްގައި ހިންގަމުން އަންނަ ހުރިހާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ބޭންކުން އިއުލާން ކޮށްފި އެވެ.
"ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން މި ބޭންކުން އެގައުމުގައާއި އެގައުމަށް ވާގިވެރިވާ ބެލަރުސްގައި ހިންގަމުން އަންނަ އެންމެހާ ޕްރޮގްރާމްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ނިންމައިފިން،" ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ބަޔާނުގައި އިތުރަށް ބުނާ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ރަޝިއާއަށް އެއްވެސް ލޯނެއް ދީފައި ނުވާއިރު ބެލަރުސްއަށް ވެސް އެ ބޭންކުގެ މާލީ އެހީ އެންމެ ފަހުން ދީފައިވަނީ 2020 ވަނަ އަހަރުގެ މެދު ތެރޭގަ އެވެ.
ވޯލްޑް ބޭންކުގެ މި ފިޔަވަޅާއެކު ރަޝިއާއަށް ކުރިމަތި ވަމުންދާ އިގްތިސާދީ އެކަހެރިކަމަށް އިތުރު ބޮޅެއް އެއްވީ އެވެ. މިހާތަނަށް އެގައުމާ ދެކޮޅަށް އެޅުނު އެންމެ ފާހަގަ ކޮށްލެވޭ އިގްތިސާދީ ފިޔަވަޅަކީ ސްވިފްޓް ޕޭމަންޓް ނެޓްވޯކުން އެގައުމު ބޭރު ކޮށްލުމެވެ.
މީގެ އިތުރުން ވެސް ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ އިގްތިސާދީ އެކި ފިޔަވަޅުތައް ރަޝިއާއާ ދެކޮޅަށް އަޅަމުންނެވެ. -- އަލް އަރަބިއްޔާ