މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މިބައްދަލުވުމުގައި ރައީސް ޔާމީންއަށް ނުޙައްގުން ޖަލުގައި މި ސަރުކާރުން ދެމުންދާ އަނިޔާތަކާ ގުޅޭގޮތުންނާއި މިކަމާގުޅިގެން ހުރި ކަންބޮޑުވުންތައް ޙިއްސާ ކުރެއްވި ކަމަށެވެ.
އެމަނިކުފާނުގެ ޝަރީއަތަކީ ބައިނަލްއަގުވާމީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެތައްގޮތަކުން ފުށޫއަރާ ޝަރީއަތެއްކަމަށް ވިދާޅުވެފަ އެވެ. އަދި، ޖަލުގައި ހުންނަވާތާ އެއް އަހަރާ ގާތްވަމުންދާ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައާމެދު ހުރި ކަންބޮޑުވުންތައް ވެސް ހިއްސާ ކުރެއްވި ކަމަށާއި ޝަރުއީ ދާއިރާއަށް ސަރުކާރުން ސީދާ ފޯރުވަމުންދާ ނުފޫޒުގެ ވާހަކައާއި ގާނޫނު އަސާސީން ވަކިވާންޖެހޭ ބާރުތަކުގެ ތެރެއިން ޝަރުއީ ދާއިރާއަށް ފޯރުވަމުންދާ ނުފޫޒުގެ އެންމެ ބޮޑު އަސްލަކީ ޖުޑިޝަލް ސާވިސް ކޮމިޝަން ކަމަށް އިދިކޮޅުން ފާހަގަކުރި ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އަދި ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށް ވީހިނދު، ނުޙައްގުން އެމަނިކުފާނު ހައްޔަރުގައި ބަހައްޓައިގެން ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުން ދޭހަވަނީ، މިސަރުކާރަކީ ޑެމޮކްރަސީއަށް ކުޑަވެސް އިހްތިރާމެއް ނެތް ބައެއް ކަމަށް އެބޭފުޅުން ހާމަކުރެއްވި ކަމަށް ވެސް ކޯލިޝަނުން ބުންޏެވެ.
ކޯލިޝަނުން އިންޑިއާގެ ފޮރިން ސެކްރެޓަރީއާއި ބައްދަލުކުރައްވާފައިވާއިރު، ދިވެހި ސަރުކާރުން އިންޑިޔާއާއެކު ހަދަމުންދާ އެއްބަސްވުންތަކުގެ މަޢްލޫމާތު ޙިއްސާ ކުރުމަށާއި ރާއްޖެ އަޅުވެތިވުމަށް މަގުފަހިވާގޮތަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްބުނެ ގިނަބަޔަކުދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެ އެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން އިންޑިއަން ހައިކޮމިޝަނުން ބުނީ އެފްއެސް ވަނީ އޮޕޮޒިޝަން ޕްރޮގްރެސިވް ކޯލިޝަންގެ އިސްވެރިންގެ ބައްދަލުކުރެއްވުމުން ދެ ގައުމުން ޑިމޮކްރެސީގެ އުސޫލުތަކަށްދޭ އަހައްމިއްޔަތު އެ ބައްދަލުވުމުން ހާމަވެގެންދިޔަ ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެފްއެސް ވަނީ އިންޑިއާގެ އެހީގައި ހިންގަމުންދާ މަޝްރޫއުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައި ކަމަށް ވެސް އެ ހައިކޮމިޝަނުން ބުންޏެވެ.
"އޮޕޮޒިޝަން ކޯލިޝަން ގެ ބޭފުޅުން ވަނީ އިންޑިއާއިން އަަބަދުވެސް ދިވެހިރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީ ފާހަގަކުރައްވައި، ދެގައުމުގެ މެދުގައި ވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފަ އެވެ." އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެ އެވެ.
މި ބައްދަލުވުމުގައި ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރުން ކަމަށްވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.