ފްލައިމީން ރާއްޖެއިން ބޭރަށް ދަތުރުތައް ފަށައިފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިއްސާވާ ވިލާ އެއާގެ ފްލައިމީ އަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ސިވިލްއޭވިއޭޝަން އޮތޯރިޓީން އިއްޔެ ދިނުމާއެކު އެންމެ ފުރަތަމަ ދަތުރުކުރީ ސްރީލަންކާގެ ކޮލަމްބޯއަށެވެ.
އެ އެއާލައިނުން ބުނީ ކޮލަމްބޯއަށް ދަތުރުތައް ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ދަތުރުގައި ބައިވެރިވި ހުރިހާ ކްރޫންނަކީ ދިވެހިން ކަމަށް ވެސް ފްލައިމީން ބުންޏެވެ.
އެ އެއާލައިނުން ބުނީ މެންދުރު 1:17 ގައި ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރީ ޗާޓަރު ދަތުރެއް ކަމަށެވެ. އެ ދަތުރުގައި ބޭނުންކުރީ 72 މީހުންގެ ޖާގައިގެ މުޅިން އާ އޭޓީއާރު 600-72 މަރުކާގެ ބޯޓެކެވެ.
ފްލައިމީން ރާއްޖެއިން ބޭރަށް އުދުހެން ފެށުމުން މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެ އެއާލައިނުން ބުނީ ކޮލަމްބޯގެ ބޯޑަރު ހުޅުވާލުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮލަމްބޯގެ ރަތަމަލާނާ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އިންޑިއާއަށް ވެސް ވަރަށް އަވަހަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފްލައިމީން ބުންޏެވެ.
އޭޓީއާރު 500-42 މަރުކާގެ ދެ ބޯޓާއެކު އޮކްޓޯބަރު 1، 2011 ގައި އޮޕަރޭޓްކުރަން ފެށި އެއާލައިނުން މިހާރު އަންނަނީ އޭޓީއާރު މަރުކާގެ ހަތަރު ބޯޓު ބޭނުންކުރަމުންނެވެ. އެއީ 72 މީހުންގެ ޖާގައި އޭޓީއާރު 600-72 މަރުކާގެ ބޯޓަކާއި 68 މީހުންގެ ޖާގައިގެ 500-72 މަރުކާގެ ދެ ބޯޓު އަދި 48 މީހުންގެ ޖާގައިގެ އޭޓީއާރު 500-42 މަރުކާގެ ބޯޓެކެވެ.