އަހަންނަކީ އަންހެނަކީމެވެ. ދެޖިންސުގެ ތަފާތުކުރުންތައް ނައްތާލައި ހަމަހަމަކަން ގެނައުމަށް އަޑުން އަޑުނަގާ ވަކާލާތު ކުރާ މީހުންގެ އަޑު ކެނޑިނޭޅި އަހަންނަށް އިވެމުންދެ އެވެ. އަންހެނުންނަކީ އަނެކުންނަށް ބަރޯސާ ނުވެ މިނިވަން ކަމާއެކު މުޖުތަމަޢުގައި އުޅެވޭނެ ބައެއް ކަމުގައި އެބަޔަކު ބުނެއުޅެ އެވެ.
ހިތަށް އަރަ އެވެ. އެއީ ޙަޤީޤަތެއްބާ އެވެ. ޝައްކެއްވެސް ނެތް ގޮތުގައި އަހަރުމެންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމެއް ފެށުމުގެ ޤާބިލްކަމާއި ހުނަރު ލިބިގެންވާ ބައެކެވެ. އެކަމުގެ ޙައްޤުވެސް އަހަރުމެންނަށް ލިބިގެންވެ އެވެ. އެކަމާ ދެކޮޅެއް ނުހަދަމެވެ. ކަން މިހެން އޮތް ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަހަރުމެންނަކީ ޖިސްމާނީ ބާރު މަދުން ދެއްވާފައިވާ ބައެއް ކަމެވެ. މުދަލާއި ނަފްސު ރައްކާތެރި ކުރުމަށްޓަކައި އަނެކުންގެ އެހީ އަހަރުމެންނަށް ބޭނުންވާ ކަމެވެ.
ދުނިޔެ ތަހުޒީބުވެ ތަރައްޤީ ވަމުން ދިޔަނަމަވެސް މިއީ އަހަރުމެންނަށް ރައްކާތެރި ތަނެއް ނޫނެވެ. މިއީ މީގެ އެތަކެއް އަހަރެއް ކުރިން އަހަރުމެންނަށް އަންގަވާފައިވާ ކަމެކެވެ. އެކަން މިއޮތީ މިއަދުގެ މުޖުތަމަޢުން ފެންނާށެވެ. އަންހެނަކަށް ކުރާ އަނިޔާގެ ޚަބަރެއް އަޑު ނީވޭ ދުވަހެއް މަދުވާނެ އެވެ. އެކަމުންވެސް އެނގެނީ އަހަރުމެންނަކީ އަމިއްލަ ނަފްސު ދިފާޢު ކުރުމަށްޓަކައި ދާއިމަށް ރައްކާތެރިކަން ބޭނުންވާ ބައެއް ކަމެވެ.
އެއީ ބަފައިންނާއި ފިރިންގެ ވާޖިބެކެވެ. ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރުމަށްޓަކައި އިސްލާމް ދީނުގައި ބަލަދުވެރިންގެ ޒިންމާއެއް ކަމުގައި އަހަރުމެން ލައްވާފައިވެ އެވެ އިލާހީ ޤާނޫނަށްވުރެ މޮޅު އިތުރީ ކޮން ޤާނޫނެއް ހެއްޔެވެ؟ ޝަރީއަތުގައި އެކަން އެގޮތަށް އަންގަވާފައިވާނަމަ އޭގައި ޙިކުމަތެއްވާނެ ކަން ކަށަވަރެވެ. އެކަމަށް ގޮންޖަހަން އަހަރުމެން އިންސާނުން މިއީ ކޮންބައެއް ހެއްޔެވެ؟
ހިތާމައަކީ ރައްކާތެރިކަމާއި ޙިމާޔަތް ލިބެންޖެހޭ އަތްތަކުން މަދުން ނަމަވެސް މިއަދު އަހަރުމެންނަށް އަނިޔާ ލިބެމުންދާ ކަމެވެ. ދަރިންނަށް ޖިންސީ ގޯނާ ކުރާ ބަފައިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރު ވަމުންނެވެ. އަނބިންނަށް ގެވެށި އަނިޔާ ކުރާ ފިރިން ގުނާ އަދަދު ނުކުރެވޭނެ އެވެ. ކަންމިހެން އޮތްއިރު އަހަރުމެން އެހީއަކަށް އެދި އެނބުރެންވީ ކޮން ފަރާތަކަށް ހެއްޔެވެ؟ އިތުބާރު ކުރަންވީ ދެވަނަ ކާކަށް ހެއްޔެވެ؟
މިފަދަ އަނިޔާތައް ލިބޭ ދަރިންނާއި އަންހެނުންގެ ވާހަކަ އަޑުއިވޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ރޮއްވާލައެވެ. ހިތަށް ހާދަ އަސަރެއް ކުރެ އެވެ. އެއީވެސް އަހަރެން ފަދަ އަންހެނެކެވެ. އެފަދަ ރަޙުމު ކުޑަ އަމަލެއްގެ ޝިކާރައަކަށް އަހަރެން އަހަރެންވެސް ވެދާނެކަމުގެ ބިރު ހިތަށް ވެރިވެ ގަނެ އެވެ. އެހެންކަމުން އެކަމުގެ ވޭނާއި އެ އިޙުސާސްތައް ވަޒަން ކުރަން އަހަންނަށް އެނގެ އެވެ.
ބަފައިންނާއި ފިރިންނަށް ބުނެލަމެވެ. ތިޔައީ މި ދޭހުން އަހަރުމެންނަށް ޙިމާޔަތް ދޭންވީ ފަރާތްތަކެވެ. ބުނަމެވެ. ތިޔަހެން ނުހަދާށެވެ. އަނބިންނާއި ޅަދަރިންނަށް ރައްކާތެރި މާޙައުލެއް ހޯދައިދޭށެވެ.
އަންހެނުންގެ ޙައްޤުގައި ވަކާލާތު ކުރާ ފަރާތްތަކަށް ދަންނަވާލަމެވެ. ހަމަހަމަ ކަމަށްވުރެ މިވަގުތު އަހަރުމެން ބޭނުންވަނީ ރައްކާތެރިކަމެވެ. ބިރެއް ނެތި ޙަޔާތް ވޭތު ކުރުމުގެ ޙައްޤެވެ. ޖިންސީ އަދި ޖިސްމާނީ އަނިޔާވެރިންނަށް ހައްޤު އަދަބު ދޭށެވެ. އަނިޔާ ލިބެމުންދާ ފަރާތްތަކަށް އިންސާފު ހޯދައިދޭށެވެ. މިއީ އަހަރުމެން އަންހެނުންގެ އަޑެވެ.
އަންހެނުންގެ ދުވަހުގެ ނަމުގައި ކަލަންޑަރުން ދުވަހެއް ފާހަގަކޮށް މާބޮނޑިއެއް ދިނުމަކުން ވީއެއް ނޫނެެވެ. އަންހެނުންގެ ހައްގުތައް ހަގީގީ ގޮތުގައި ރައްކާތެރި ކުރެވޭނީ މި މުޖުތަމައުގައި އަންހެނުންނަށް ދެވިފައިވާ ގަދަރު އިތުރުކޮށްގެންނެވެ.