ވަރްސޯ (09 މާޗް) - ޔޫކްރެއިންއިން އެ ގައުމަށް އެހީވުމަށް ޔޫރަޕްއާއި ނޭޓޯގެ ކިބައިން ތަކުރާރުކޮށް އެދިފައި ވަނިކޮށް އެންމެ ފަހުން ޕޮލެންޑުން އެ ގައުމަށް އެހީވާން އިސް ނަގައިފި އެވެ.

އެގޮތުން ޕޮލެންޑުން ވަނީ އެގައުމުގެ އަސްކަރިއްޔާއިން ބޭނުން ކުރަމުން އަންނަ އެމްއައިޖީ 29 މޮޑެލްގެ ހުރިހާ ފައިޓާ ޖެޓުތައް އެއްވެސް އަގަކާ ނުލާ އެމެރިކާއާ ހަވާލުކޮށް ޔޫކްރެއިންއަށް ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.

"އަހަރުމެންގެ ދައުރު އަދާކޮށްފިން. ޔޫކްރެއިންއަށް ވީވަރަކުން އެހީވުމަށް ޔޫރަޕްގެ އެހެން ގައުމުތަކަށް ވެސް ގޮވާލަން،" ޕޮލެންޑުގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މީގެ ބަދަލުގައި ޕޮލެންޑުން ވަނީ އެގައުމުގެ އަސްކަރިއްޔާގައި ބޭނުން ކުރުމަށް އެމެރިކާއިން ބޭނުންކޮށްފައިވާ އަދި ބޭނުން ކުރެވޭ ފަދަ ހާލަތެއްގައި ހުރި ފައިޓާ ޖެޓުތައް އެގައުމަށް ވިއްކުމަށް އެދިފަ އެވެ.

ޕޮލެންޑްގެ ނިންމުމަށް އިނގިރޭސި ވިލާތުން ތާއީދުކޮށްފައިވާއިރު އެމެރިކާއިން ވަނީ މި ނިންމުމަކީ ހައިރާން ކުރުވަނިވި ނިންމުމެއް ކަމަށް ބުނެފަ އެވެ.

"ޕޮލެންޑްގެ ނިންމުމަކީ ކިތަންމެހާ ރަނގަޅު ނިންމުމެއް ނަމަވެސް އެކަމުގެ ނަތީޖާ ޕޮލެންޑަށް ހިތިވެދާނެ" އިނގިރޭސި ވިލާތުގެ އޮފިޝަލެއް ބުނެފައިވެ އެވެ.

ރަޝިއާއިން ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާއިން ބޭނުން ކުރުމަށްޓަކައި ވައިގެ އުޅަނދުތައް ފޯރުކޮށް ދިނުމަކީ ހަނގުރާމައިގެ ތެެރެއަށް ވަނުން ކަމަށް ބުނެ ގައުމުތަކަށް އިންޒާރު ދީފަ އެވެ.

މިއާއެކު ރަޝިއާގެ ނުރައްކާ ޕޮލެންޑަށް ވެސް އިތުރުވި އިރު އެގައުމަކީ ނޭޓޯގެ މެމްބަރަކަށް ވުމުން ޕޮލެންޑަށް ރަޝިއާގެ ހަމަލާއެއް ކުރިމަތި ވެއްޖެ ނަމަ ނޭޓޯއިން އެކަަމަށް ރައްދު ދޭނެ ކަމަށް ބެލެވެ އެވެ.

މިހާރު ކުރިއަށްދާ ހަނގުރާމައިގައި ޔޫކްރެއިން އަސްކަރިއްޔާގެ ވައިގެ އުޅަނދުތައް ހަލާކުވެ އެގައުމުގެ އަސްކަރީ ގާބިލިއްޔަތުކަން ވަނީ ކުޑަވެފަ އެވެ. -- އަލް އަރަބިއްޔާ