ކޮވިޑް-19އާއެކު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާ މުޚާތަބު ކުރައްވައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑްގެ ސަބަބުން ލިބެމުންދާ އިގްތިސޯދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭވަރަށްވުރެ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ.

"އެހެންކަމުން، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއެކު، ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް. ވަކިވަކި ފަރުދުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުންހުރި މަޝްރޫޢުތަކަށާއި އިޖުތިމާއީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ. އަދި އަލަށް ތަޢާރަފުކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ކުރި އިތުބާރާއެކު، އެ މަނިކުފާނު ވެރިކަމާ ޙަވާލުވެ، ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށައިގަތީ، ވަރަށް ފުރިހަމަ ރޭވުންތެރިކަމެއްގެ ދަށުން ކަމަށެވެ. ނަމަވެސް، މުޅި ދުނިޔެ ބަނަކުރަމުންދިޔަ ކޮވިޑް-19ގެ ވިލާގަނޑު، މިއަހަރުގެ މާޗު މަހު ރާއްޖެއަށް ހިޔަނި އެޅުމާ ގުޅިގެން، އެ ހުރިހާ ކަމަކަށް ހުރަސްއެޅިގެންދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޯވިޑް-19 އަޅުގަނޑުމެންނާ ކުރިމަތިލީ ހަމައެކަނި ބަލިމަޑުކަމެއްގެ ގޮތުގައެއް ނޫން. މީގެކުރިން މުޅި ދުނިޔެ ވެސް ތަޖުރިބާނުކުރާ އަދި ރާއްޖެ ދުވަހަކުވެސް ތަޙައްމަލު ނުކުރާފަދަ، އިގްތިސާދީ ވަރަށް ބޮޑު ކާރިސާއެއްގެ ގޮތުގައި،
ރައީސް

"ކޯވިޑް-19 އަޅުގަނޑުމެންނާ ކުރިމަތިލީ ހަމައެކަނި ބަލިމަޑުކަމެއްގެ ގޮތުގައެއް ނޫން. މީގެކުރިން މުޅި ދުނިޔެ ވެސް ތަޖުރިބާނުކުރާ އަދި ރާއްޖެ ދުވަހަކުވެސް ތަޙައްމަލު ނުކުރާފަދަ، އިގްތިސާދީ ވަރަށް ބޮޑު ކާރިސާއެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑާ ހެދި ތަރައްގީގެ މަޝްރޫއުތަކުގެ އިސްކަންދޭ ތަރުތީބަށް ވެސް ބަދަލުގެންނަން ޖެހިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެންވިޔަސް، ސަރުކާރުގެ މަގުސަދަކަށްވީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަސާސީ ޚިދުމަތްތަކަށާއި، ރައްޔިތުންނަށް ލިބެންވާ ހިމާޔަތާއި ރައްކާތެރިކަމަށް، އެއްވެސް ހީނަރުކަމެއް އަޔަނުދީ، ގައުމު ހިންގަމުން ދިޔުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

https://www.youtube.com/watch?v=_29F1NA2N60

"ކޯވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރަމުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން މިއައީ، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް، އަދި އެއްވެސް މުވައްޒަފެއްގެ މުސާރަވެސް ކުޑަނުކޮށް. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމާއެކު، ވިޔަފާރިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން،" ރައީސް ވިދާޅުވި އެވެ.

ކޯވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރަމުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން މިއައީ، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް، އަދި އެއްވެސް މުވައްޒަފެއްގެ މުސާރަވެސް ކުޑަނުކޮށް. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމާއެކު، ވިޔަފާރިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން،
ރައީސް

ރައީސް ވިދާޅުވީ ކޮވިޑްގެ މި ޙާލަތުގައިވެސް މާތް ﷲގެ ހެޔޮ ރަޙްމަތްފުޅު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކަމަށެވެ. އަދި ކާޑުގެ ބާވަތްތަކާއި ކެއިންބުއިމަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ލިބުމުގައިވެސް، ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާވަރުގެ ބޮޑު ދަތިކަމަކާ ކުރިމައްޗެއްނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޯވިޑް-19 މިވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވަނީ، ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންގެ ވަރަށް ބުރަ މަސައްކަތުން. އަދި، މި ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން. އެކަމަށްޓަކައި، ކޯވިޑާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ މުޅި ޓީމުގައި ހިމެނޭ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ކޯވިޑް-19 މިވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވަނީ، ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންގެ ވަރަށް ބުރަ މަސައްކަތުން. އަދި، މި ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން.
ރައީސް

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑާ ދެކޮޅަށް މި ހޯދި ކާމިޔާބީ އެގޮތުގައި ދެމެހެއްޓޭނީ، އަދި މިބަލި ރާއްޖެއިން ނައްތައިލެވޭނީ، އެޗްޕީއޭގެ ލަފަޔާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ކުރިމަގުގައިވެސް ބަހައްޓައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްގީގެ މަޝްރޫއުތައް ވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަންދޭ ކަމަށެވެ. އަދި ގައުމީ ތަރައްގީގެ 372 މަޝްރޫއެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫއެއް މިހާރުވެސް ހިނގަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދި އިތުރު 156 މަޝްރޫއެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. މިއީ، މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑާ ގުޅިގެން އައި އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ، މީހުން ބިނާކުރުން ކަމަށެވެ. އެގޮތުން، ތައުލީމީ ދާއިރާއިން އަންނަ އަހަރު ހިންގާ މަޝްރޫއުތަކުގެ ތެރެއިން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތަޢުލީމީ ނިޒާމަކަށް ބޭނުންވާނެ، އިންސާނީ އަދި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.