ވިހި ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް، އެމްއެމްއޭގެ އާ ގަވަރުނަރު އަލީ ހާޝިމްގެ ސޮޔާއެކު ނެރެފި އެވެ.
މިއީ ސެޕްޓެމްބަރު 8، 2019 ގައި މަރުކަޒީ ބޭންކްގެ ގަވަރުނަރުކަމާ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ހަވާލުވެވަޑައިގަތް ފަހުން ނޫޓުގައި ސޮއިކުރެއްވި ފުރަތަމަ ފަހަރެވެ.
އެ ނޫޓުތައް ޗާޕު ކުރުމަށް ފަހު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 އިގަ އެވެ. ނަމަވެސް މިހާރު ދައުރުވާ 20ރ. ގެ ފައިސާ ނޫޓުގެ ތެރެއަށް އާ ނޫޓުތައް ދައުރުކުރަން ފެށީ މިއަދެވެ.
"އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން، އަލުން ޗާޕުކޮށްގެން 13 އޮކްޓޫބަރު 2021 ގައި ރާއްޖެ އަށް ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ 20 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް މިއަދު (10 މާރިޗު 2022 ގައި) ވަނީ ނެރެފައި. އަލަށް ޗާޕުކޮށްގެން ނެރުނު 20 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލްފާޟިލް އަލީ ހާޝިމް އެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ މިއަދު ނެރުނު 20 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާގެ ނޫޓު ވެސް ދައުރުވަމުން ދާނެ ކަމަށެވެ.
އެ އިދާރާ އިން ލަފާކުރާ ގޮތުގައި 2015 ވަނަ އަހަރު ގެނައި 20ރ. ގެ ނޫޓުތަކުގެ ސްޓޮކް މި މަހުގެ ނިޔަލަށް އެއްކޮށް ހުސްވާނެ އެވެ.
"އިގްތިސާދަށް ބޭނުންވާ ވަރަށް އަބަދުވެސް ސްޓޮކުގައި ނޫޓު ހުންނަން ޖެހޭ. ދެހާސް ސޯޅަވަނަ އަހަރު ރަންދިހަ ފަހެއް ތައާރަފު ކުރަން 2015 ވަނަ އަހަރު ގެނައި ސްޓޮކް މި މަސް ނިމެންވާއިރަށް ހުސްވާނެ. އެހެންވެ އާ ސްޓޮކެއް ގެނައީ،" މަރުކަޒީ ބޭންކުން ބުންޏެވެ.
އާ ނޫޓުތަކުގައިވާ ތާރީހަކީ 1 ޖުލައި 2020 (10 ޒުލްގައިދާ 1441) އެވެ.