މިއަދު ރައްޔިތުން ތިބީ ހާސްވެ ނުތަނަވަސްވެފައި ކަމަށާއި ގައުމުގެ އެއްވެސް ކަމެއްގައި މިސްރާބެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހާ ދިމާކޮށް ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަސްވެރިން ނިކަމެތިކޮށްފި ކަމަށާއި ރައީސް އަބްދުﷲ ޔާމީން އެޅުއްވި ފްލެޓްތަކުގެ ހައްގުވެރިން މަހުރޫމްކޮށްފި ކަމަށެވެ.

"ދަރަނި މައްޗަށް ދަރަނި ނަގައި އެންމެ ފަހުން ރައްޔިތުންގެ ހަރުމުދާވެސް ވިއްކަން ފަށައިފި. ރެސިޑެންޓް ވީސާގެ ނަމުގައި ބޯޑަރު ނިޒާމް ފުނޑާލައި އަމިއްލަ ގައުމުގައި ދިވެހިން ބިކަކޮށްލަނީ،" ޕީޕީއެމްގެ އެޑްވައިޒަރު ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ދައުލަތް އިފްލާސްވެ ވިސްނުން ވެސް އިފްލާސްވެއްޖެ ކަމަށެވެ. އަދި ބަލާލި ކޮންމެ ދިމާކުން ފެންނަނީ ހާސްވެ ނުތަނަވަސްވެ، ފެއިލްވެފައިވާ މަންޒަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މުޅިގައުމު ގެއްލިގެން ދިއުމުގެ ބިރުބޮޑު،" ޑރ. ޖަމީލް ވިދާޅުވެފައިވެ އެވެ.