މުސްލިމެއްގެ ނަޒަރު އަބަދުވެސް ހުންނަން ވާނީ އާޚިރަތަށެވެ. ކަންކަމުގައި ވިސްނާ ފިކުރު ކުރާނީ އަބަދުވެސް އާޚިރަތް ހިތްމައްޗަށް ގެނެސްގެންނެވެ. ތިމާ މިކުރާ ކަމުން އުޚުރަވީ ޙަޔާތަށް އޮތީ ކޮން ފައިދާއެއްތޯ ވިސްނާ ޙާލުގައެވެ. މުސްލިމު އަޅާގެ މުޅި ޙަޔާތަކީ އަޅުކަމެއް ކަމުގައި ވެގެންދާ ސަބަބަކީ ވެސް މިއީ ކަމުގައި ބުނެވިދާނެއެވެ.

ކާފަރުންނާއި މާއްދިއްޔަތަށް ޣަރަޤުވެފައި ތިބި މާއްދިއްޔަތުގެ އަޅުންނާ ޚިލާފަށް ޙަޔާތުގެ މައިދާނުގައި އުޅޭއުޅުމުގައި މާއްދީ ވިސްނުމެއް އިސްކުރުމުގެ ބަދަލުގައި އަބަދުވެސް މުސްލިމް އަޅާ އިސްކުރާނީ ދީނީ ވިސްނުމެކެވެ. މާތް ﷲ ރުއްސެވުމާއި ފުއްސެވުމެވެ. އުޚުރަވީ ޙަޔާތެވެ. އުޚުރަވީ ނަޒަރެވެ. މާއްދިއްޔަތަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. މާއްދީ ގޮތުން އޭނާ ޙާސިލުކުރާ ހުރިހާ ކަމެއް ވެސް ގޮސް ގުޅިފައި އޮންނާނީ އުޚުރަވީ ޙަޔާތާއެވެ. އެފަދަ މީހަކީ މާއްދިއްޔަތުގެ އަޅަކަށް ވެގެނެއް ނުދާނެއެވެ.

މުސްލިމް އަޅާ ވަޒީފާއެއް އަދާކުރާނަމަ، އޭނާ އެކަން ކުރާނީ އަމާނާތްތެރި ކަމާއެކުއެވެ. ތެދުވެރިކަމާ އެކުއެވެ. އޭނާގެ އަބަދުގެ ފިކުރަށް ވެފައި އޮންނާނީ މި ވަޒީފާއިން ތިމާއަށް މި ލިބޭ މުސާރައަކީ ޙަލާލު އެއްޗަކަށް ހެދޭތޯއެވެ. ވަޒީފާއަށް ފަރުވާ ކުޑަކޮށް، މަޤުބޫލު ސަބަބެއްނެތި ސަލާމްބުނެ، އުޒުރެއްނެތި ހާޒިރު ނުވެ އޭނާ ނުހުންނާނެއެވެ. އެއީ އޭނާއަށް ލިބޭ މުސާރަ ޙަލާލު ނުވެދާނެ ސަބަބަކަށް ވެދާނެކަމުގެ ބިރަށެވެ. އަދި އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހުން އޭނާ ކުރިމަތިލާން ޖެހިދާނޭ ދަތިތަކަކަށެވެ.

ޚާއްޞަކޮށް، މުސްލިމް ރައްޔިތުންތަކެއްގެ ޒިންމާ އެމީހެއްގެ ކޮނޑުގައި އަޅަންޖެހޭ ވަޒީފާއެއްނަމަ، އޭނާ އިތުރަށް އެކަމަށް ބިރުވެތިވެ ފަރުވާތެރިވާނެއެވެ. އެހެނީ، ޤިޔާމާތް ދުވަހުން އެ ހުރިހާ ރައްޔިތުންތަކެއްގެ ޙައްޤުތަކާ ބެހޭގޮތުން ވެސް އޭނާއާ ސުވާލު ވެވޭނޭކަން އޭނާ ރަނގަޅަށް ދަނެއެވެ. އެދުވަހުން ސަލާމަތެއް ލިބޭނީ މިއަދު އެ ޙައްޤުތަކަށް ރައްކައުތެރިވެ އެ ޙައްޤުތައް ބަރާބަރަށް އަދާކޮށްގެންކަން އޭނާއަށް އެނގެއެވެ.

ހިތާމައަކީ، އަޅުގަނޑުމެންގެ ތެރޭގައި މަޤާމާއި ވަޒީފާ މަތިވިވަރަކަށް އެއީ ލިބޭ ޝަރަފެއްކަމުގައި ދެކޭ ދެކުމެވެ. ހަމައެކަނި މާއްދީ ނަޒަރަކުން އެކަމާމެދު ވިސްނާ ވިސްނުމެވެ. ނަމަވެސް އުޚުރަވީ ނަޒަރަކުން ވިސްނާނަމަ، އެމީހަކުގެ ބޮލުގައި އެމީހަކު އެ އަޅުވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތުތަކެކެވެ. އެކަމާމެދު ތުނޑުންތުނޑަށް ޤިޔާމަތް ދުވަހުން މާތް ﷲ ސުވާލު ކުރައްވާނެއެވެ.

މުޖުތަމަޢުގައި މިއޮތް މާއްދިއްޔަތުގެ ބަލިމަޑުކަމުން އަރައިގަންނަން ބޭނުންނަމަ، އަޅުގަނޑުމެންނަކީ މުސްލިމުންކަން ހަނދާންކޮށް، އަޅުގަނޑުމެންގެ ނަޒަރު އުޚުރަވީ ޙަޔާތަށް އަމާޒުކުރަން ޖެހޭނެއެވެ. ކުރާ ކޮންމެކަމެއްގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރަން ޖެހޭނެއެވެ.