ނިއު ޔޯކް (11 މާޗް) - ރަޝިއާއާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލައި އެ ގައުމުގެ ރައީސް ވްލަޑިމިރް ޕުޓިންއަށް މަރުގެ އިންޒާރު ދޭ ޕޯސްޓްތައް ހުއްދަ ކުރަން މެޓާއިން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކް ކުންފުނީގެ މި ނިންމުމާއެކު އެ ކުންފުނީގެ ޕްލެޓްފޯމަތައް ކަމަށްވާ ފޭސްބުކްއާއި އިންސްޓަގްރާމްގައި ރަޝިއާއާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލާ އަދި ޕުޓިން މެރުމަށް ގޮވާލައި ޕޯސްޓްތައް އާއްމު ކުރެވޭނެ އެވެ.

މެޓާއިން ނެރުނު ބަޔާނެއްގައި ބުނީ ޔޫކްރެއިންގެ މިހާރުގެ ހާލަތާ ގުޅިގެން އެ ކުންފުނީގެ އާއްމު ގަވާއިދުތަކާ ހިލާފު ޕޯސްޓްތައް އާއްމު ކުރުމުގެ ހުއްދަ ދެވިފައިވާނެ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ މި ފިޔަވަޅަކީ ޔޫކްރެއިން ރައްޔިތުންނަށާއި އެ ގައުމަށް ހެޔޮއެދޭ ފަރާތްތަކަށް ރަޝިއާގެ އަޅުވެތި ކަމުން ސަލާމަތްވުމަށް ހިތްވަރުދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

މެޓާގެ މި ނިންމުމާއެކު ރަޝިއާއިން ވަނީ ޕުޓިންއަށް މަރުގެ އިންޒާރުދީ ކުރާ ޕޯސްޓްތައް ނުހުއްޓުވައިފި ނަމަ އެ ކުންފުނި ބަންދުކުރަން މަޖުބޫރުކުރުވާނެ ކަމުގެ އިންޒާރު ދީފަ އެވެ.-- އަރަބް ނިއުސް