ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ގުޅޭ ގިނަ ކަންބޮޑުވުންތަކަކާއެކު އެޗްއާރުސީއެމުން ޖެންޑާ މިނިސްޓްރީއާ ބައްދަލުކޮށްފި އެވެ.
އެޗްއާރްސީއެމުން ގުރައިދޫ މަރުކަޒަށް މި މަހު ކުރީކޮޅު ކުރި މޮނީޓަރިންގެ ޒިޔާރަތަށް ފަހު، އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަން ވަނީ މިދިޔަ ހަފުތާގައި ޖެންޑާ މިނިސްޓްރީ އާއި އެ މަރުކަޒުގެ އިސްވެރިންނާ ހިއްސާކޮށްފަ އެވެ. އެ ފަރާތްތަކާ ހިއްސާކުރި ބައެއް މައުލޫމާތުތައް މިދިޔަ ބުރާފަސްތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި އެ ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ.
ފާހަގަކުރެވުނު އިތުރު ބައެއް ކަންކަން
- ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ނުވަތަ ގަވާއިދެއް ނެތުން.
- މަރުކަޒުގެ ގޯތިތެރެ މޮނީޓާކުރުމަށް ސީސީޓީވީ ހަރުކޮށްފައި ވިޔަސް، ވޯޑުތަކުގެ އެތެރެ ފެންނަ ގޮތަށް ކެމެރާ ހަރުކޮށްފައި ނެތުމުން އެތަނުގެ މުވައްޒަފުންނާއި ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ.
- މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުނަށް މަސައްކަތާ ގުޅޭ ދާއިރާތަކުން ތަމްރީން ލިބިފައިނެތުން.
- މަރުކަޒުން ފަރުވާ ހޯދާ މީހުންނަށް ފައިދާހުރި ކާނާ ނުލިބުން.
- ފަރުވާ ހޯދާ މީހުންގެ އަދަދާ އަޅާބަލާއިރު، ކެއާ ވޯކަރުންގެ އަދަދު މަދުވުން.
އެ ނޫސްބަޔާނުގައި ބުނީ، އެ ކޮމިޝަނުން 2013 ވަނަ އަހަރު އެ މަރުކަޒަށް ކުރި ޒިޔާރަތަށް ފަހު، ނަފުސާނީ ފަރުވާ އަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ހިދުމަތް އެތަނުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުށަހަޅާފައިވާނެ އެވެ. އެކަމަކު އޭގެ އަށް އަހަރު ފަހުން، މިދިޔަ އަހަރު އެ ކޮމިޝަނުން މަރުކަޒަށް ދިޔައިރު ވެސް ނަފުސާނީ ފަރުވާ އަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނެތް ކަމަށް ބުންޏެވެ.
އެޗްއާރްސީއެމުން ފާހަގަކޮށްފައި ވަނީ ގުރައިދޫ މަރުކަޒު ހިންގުމުގައި އަމަލު ކުރާނެ ވަކި އުސޫލެއް ލިޔެވިފައި ނެތް ކަމަށާއި، ވޯޑުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރެވިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ގުރައިދޫ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކަށީގެންވާ ވަރަށް ތަމްރީނުވެގެން ތިބި ބައެއް ނޫން ކަމަށާއި، އަދި ފަރުވާ ހޯދާ މީހުންގެ އަދަދާ އަޅާބަލާއިރު ތަނުގެ މުވައްޒަފުންގެ އަދަދު ވެސް މަދު ކަމަށް އެޗްއާރްސީއެމުން ބުނެފައިވެ އެވެ.