ވިކްޓޯރިއާ- (25 އޮގަސްޓް) އޮސްޓްރޭލިއާގައި ކަރަންޓީނުގެ އަމުރާއި ހިލާފުވި އަންހެނަކު ހަ މަސް ދުވަހަށް ޖަލަށް ލާން ނިންމައިފި އެވެ.

އުމުރުން 28 އަހަރުގެ އަޝާ ފައެ ވެންޑާ ސެންޑެން ވަނީ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވިކްޓޯރިއާ ސްޓޭޓްގައި މަސްދުވަސް ވަންދެން ހުރެފަ އެވެ.

އޭގެ ފަހުން އޭނާ ދިރިއުޅޭ އަވަށް ކަމަށްވާ ވެސްޓާން އޮސްޓްރޭލިއާގެ ޕާތަށް ދިއުމަށް ހުއްދަ ދީ، އެތަނަށް ގޮސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެކަން ކަމާބެހޭ ފަރާތްތަކުން އޭނާއަށް އަންގާފައިވެ އެވެ.

އެހެން ނަމަވެސް އޭނާ ވަނީ ވަގަށް ޓްރަކް އެއްގެ ތެރެއަށް އެރިގެން ޕާތް އަށް އައިސްފަ އެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ޕާތުގައި އެނާގެ ލޯބިވެރިޔާގެ ގޭގައި ދިރިއުޅެމުން ދަނިކޮށެވެ.

ވެސްޓާން އޮސްޓްރޭލިއާގައި ކަރަންޓީނުގެ އަމުރާއި ހިލާފުވާ މީހުންނަށް ގިނަވެގެން 12 މަސްދުވަހުގެ ޖަލު ހުކުމެއް އާދެ އެވެ. އެހެން ނޫނީ 50،000 ޑޮލަރުގެ ޖުރިމަނާއެއް ކުރެ އެވެ.

ވެންޑާ ސެންޑެންގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާ ވިކްޓޯރިއާއަށް އައީ ދައްތަ ބަލިވެ އުޅޭތީ އެހީވުމަށް ކަމަށެވެ. އެހެން ނަމަވެސް ވިކްޓޯރިއާގައި އުޅެން ދަތިވުމުގެ ސަބަބުން އެނބުރި ޕާތަށް ދިއުމަށް މަޖުބޫރުވީ ކަމަށެވެ. އަދި ޕާތްއަށް ގޮސް އޭނާ ހުރީ ސެލްފް އައިސޮލޭޝަންގައި ކަމަށާއި އެއްވެސް މީހަކާއި ބައްދަލުވެފައި ވެސް ނުވާ ކަމަށެވެ. --ބީބީސީ