އިންޑިއާގެ އައްސާމްގައި ހިންގަމުން އަންނަ ސައި ކުންފުންޏަކުން އުފެއްދި އާ ވައްތަރެއްގެ ސައަކަށް ޔޫކްރެއިންގެ ރައީސް ވޮލޮދިމރް ޒެލެންސްކީގެ ނަމުން ނަން ދީފި އެވެ.

އެރޯމިކާ ކުންފުނިން ބުނި ގޮތުގައި އެކުންފުނިން އެންމެ ފަހުން ތައާރަފްކުރި އައްސާމް ބްލެކް ޓީގެ އާ ވައްތަރަކީ ކުރިއަށްވުރެ އަސަރުހުރި ސައަކަށް ވާނެ ކަމަށެވެ.

ސައިގެ މިވައްތަރަށް "ޒެލެންސްކީ" ނަން ދީފައިވަނީ މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ގައުމުގެ އެންމެ އިސް ވެރިޔާގެ ގޮތުން އޭނާ ދައްކަމުން އަންނަ ހިތްވަރާއި ނަމޫނާ ފާހަގަ ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އަހަރުމެންގެ މި ސައަކީ ޒެލެންސްކީހާ ވަރުގަދަ ސައަކަށް ވާނެ" އެރޯމިކާގެ މެނޭޖްމަންޓްގެ އޮފިޝަލެއް ބުނެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިވަގުތު ދުނިޔޭގައި ހިތްވަރާއި ވަރުގަދަ ކަމާ ގުޅުވެނީ ޒެލެންސްކީގެ ނަން ކަމަށާއި އެހެން ކަމުން މިއީ އިންޑިއާއިން އޭނާއަށް ދޭ ކުޑަ "ޓްރިބިއުޓެއް" ކަމަށެވެ.

ޒެލެންސްކީ ބްރޭންޑްގެ ސައި އައްސާމްގެ އިތުރުން އިންޑިއާގެ އެކި ހިސާބުތަކަށް ފޮނުވަން ތައްޔާރު ވެފައިވާއިރު މި ވިޔަފާރިން ލިބޭ ފައިދާގެ ވަކި މިންވަރެއް ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ހަދިޔާ ކުރަން ވިސްނާ ކަމަށް ވެސް އެރޯމިކާއިން ބުނެ އެވެ.