ކޮވިޑް-19 ގެ ހާލަތުގައި ސިފައިން ކުރި މަސައްކަތުގެ އަގުވަޒަންކުރުމަށްޓަކައި ހާއްސަ މެޑަލްއެއް ދިނުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ ސިފައިންނަށް ދިނުމަށް ނިންމާފައިވަނީ "އިންސާނީ ޚިދުމަތުގެ މެޑެލި-ކޮވިޑް19" އެވެ.

މި މެޑަލް ދިނުމަށް ނިންމާފައިވަނީ ކޮވިޑް-19 ގެ ހާލަތުގައި ސިފައިން ކުރި މިންނެތް މަސައްކަތާއި ދިވެހި ގައުމާއި ރައްޔިތުންނަށް ކޮށްދިން އިހްލާސްތެރި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންނަށް މި މެޑަލް ދިނުމަށް ނިންމެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުނީއްސުރެ ސިފައިން ވަނީ ކޮވިޑް ފެސިލިޓީތަކަށް ލޮޖިސްޓިކްސް ސަޕޯޓު ދިނުމާއި، ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ އިތުރަށް އެމްއެންޑީއެފް ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ފްލޫ ކްލިނިކުން ވެސް ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.