ޖަލުތަކަށް ވަގަށް ވައްދާ ފޯނުތައް ހޯދަން އެ ތަންތަނުގައި ހާއްސަ އެންޓަނާތައް ގާއިމުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި އެވެ.
ޖަލަށް ވައްދާ ފޯނުތަކާއި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް މިހާރު ހޯދިފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މަނާ ތަކެތި ޖަލުތަކަށް ވެއްދުން ހުއްޓުވުމުގެ ގޮތުން މިހާރު ވެސް ވަަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ޖަލަށް ވައްދާ ފޯނުތައް ހޯދަން ޖަލުތަކުގައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ހާއްސަ އެންޓަނާތަކެއް ހަރުކޮށްފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި ގަވާއިދާ ހިލާފަށް ފޯނު އެތެރެކޮށްފި ނަމަ އެންމެ ފުރަތަމަވެސް އެ ފޯނެއްގެ ހިދުމަތް ކަނޑާލައި އޭގެފަހުން ފޯނު ހޯދުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސާވިސް ޕްރޮވައިޑާތަކާ ވާހަކަ ދައްކައިގެން ޖަލުގެ ތެރޭގައި ހާއްސަ އެންޓަނާއެއް ޖަހައިގެން މިހާރު ވެސް އެ އެންޓަނާތަކަށް ރިސީވްވާ ވަކި ސިގްނަލްތަކަަށް އެތަންތަނުގައި އާންމުކޮށް ބޭނުންކުރާ ފޯނު ނޫން އެހެން ފޯނެއް ވަދެއްޖެނަމަ އެ ފޯނު ދެނެގަނެ އެ ފޯނު ބްލޮކްކުރުމާއި އެ ފޯނެއް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން،" އިމްރާން ވިދާޅުވި އެވެ.
އެންޓަނާތައް ހަރުކޮށް ވަގު ފޯނުތައް ބްލޮކްކުރަން މަސައްކަތް ފެށި ނަމަވެސް އަދިވެސް އެކަމުގައި ގާނޫނީ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީގެ ތެރޭގައި ބައެއް މައްސަލަތައް ހުރުމުން އެކަން ހައްލުކުރުމަށް މިދިޔަ ހަފްތާގައި ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"މިދިޔަ ހަފްތާގެ ތެރޭގައި ވެސް ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފޯނު އަޅުގަނޑުމެން ވަނީ ހޯދި އަދި އެތަކެތި ވަނީ ފުލުހުންނާ ހަވާލުކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.