ބޮލީވުޑްގެ މަޝްހޫރު ފަންނާނު ކަންގަނާ ރަނާއުތް އާއި އަދްޔަޔަން ސުމަން ލޯބީގެ ގޮތުން ގުޅުނީ 2008 ވަނަ އަހަރުގަ އެވެ.

އެ ދެފަންނާނުން ވެސް އާންމުންނަށް އެންމެ ބޮޑަށް ފާހަގަވެފައިވަނީ "ރާޒް، ދަ މިސްޓްރީ ކޮންޓިނިއުޒް" އިންނެވެ. އެ ފިލްމުގައި ދެ ފަންނާނުން ވަނީ ލޯބިވެރިންގެ ރޯލު ކުޅެފަ އެވެ. ދެ ފަންނާނުން ލޯބީގެ ގޮތުން ގުޅުނީ ވެސް ޝޫޓިންގެ ތެރެއިންނެވެ.

ނަމަވެސް ކަންގަނާ އާއި އަދްޔަޔަންގެ ލޯބި މާގިނަ ދުވަހު ދެމިގެންނެއް ނުދެ އެވެ. އެ ދެމީހުން ވަކިވީ 2009 ވަނަ އަހަރުގަ އެވެ. ވަކިވުމާއެކު އަދްޔަޔަން ކަންގަނާއާ ގުޅިގެން ދެއްކި ވާހަކަތަކަކީ އާންމުން އޭގެ އެންމެ އިންތިހާއަށް ސިއްސުވާލި ވާހަކަތަކެކެވެ.

އަދްޔަޔަން ބުނާގޮތުގައި ކަންގަނާ ވަނީ އަދްޔަޔަންގެ ލޯބި ހޯދުމަށާއި، އަދްޔަޔަން ކަންގަނާއަށް ވަފާތެރިކޮށް ހުރުމަށް ސިހުރު ހަދާފަ އެވެ. އޭގެ އިތުރުން އޭނާ ހާސިލްކުރުމަށް ކަންގަނާގެ އަމިއްލަ ހައިޟުގެ ލޭ ބޭނުންކުރި ކަމަށް ވެސް އަދްޔަޔަން ތުހުމަތުކޮށްފައިވެ އެވެ. މިކަމަށް އަދްޔަޔަންގެ ބައްޕަ ޝޭކަރް ސުމަން ވެސް ވަނީ އެއްބަސްވެފަ އެވެ.

އޭގެ އިތުރުން އަދްޔަޔަންގެ މަންމަ އަލްކާއަށް އަދްޔަޔަންގެ އަލަމާރިން ސިހުރުގައި ބޭނުންކުރާ ގިނަ ސާމާނު ފެނިފައިވާ ކަމަށާއި، ހިންދޫ ފާދިރީއެއް ކައިރިއަށް ދިއުމުން، އަދްޔަޔަންއަށް ސިހުރު ހަދާފައިވާކަން ކަށަވަރުކޮށްދިން ކަމަށް ވެސް އަދްޔަޔަން ބުނެފައިވެ އެވެ.

އަދްޔަޔަން އާއި ޝޭކަރްގެ މިވާހަކަތަކަށް ކަންގަނާ ދިނީ ބީރު ކަންފަތެކެވެ.