އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން، ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރެއްވި ވަގުތުކޮޅު ވެގެންދިޔައީ އެކި ތަފާތު ގޮތްގޮތުން ހާއްސަ ވަގުތުކޮޅެކެވެ. މި އުފާވެރި ވަގުތުކޮޅު ފިރިކަލުންގެ އަރިހުގައިވުމަށް ފަސްޓް ލޭޑީ ޖިލް ބައިޑެން ވަނީ ސްޓޭޖް އަށް އަރާވަޑައިގެންފަ އެވެ.

އޭރު އެކަމަނާ ތުރުކުރައްވައިގެން ހުންނެވި ނޫ ކުލައިގެ އެމްބްރޮއިޑަރީ ހެދުން އޭގެ ދެތިން ގަޑިއިރުގެ ތެރޭގައި ވިކި ހުސްވެފައިވާކަމަށް ދަ އިންޑިޕެންޑެންޓުން ރިޕޯޓުކޮށްފައިވެ އެވެ. ކަކުލާ ހަމަޔަށް އަރާ މި ހެދުމަކީ ޑިޒައިނަރު އޮސްކާ ޑި ލަ ރެންޓާގެ ހެދުމެކެވެ.

އެ އިވެންޓު ކުރިއަށް ދިޔަ ވަގުތު އެ މީހުންގެ ވެބްސައިޓްގައި އެ ޑިޒައިންގެ ހެދުން 1707 ޑޮލަރަށް ވިއްކަން ހުއްޓެވެ. އެހެން ނަމަވެސް އޭގެ ދެތިން ގަޑިއިރުގެ ތެރޭގައި އެ ހެދުންތައް ވަކީ ވިކި ހުސްވެފަ އެވެ.

އޮސްކާ ޑި ލަ ރެންޓާ އަކީ މީގެ ކުރީގެ ފަސްޓް ލޭޑީންގެ މެދުގައިވެސް މަގުބޫލު ޑިޒައިނަރެކެވެ. އެގޮތުން ޖެކީ ކެނެޑީ، ހިލަރީ ކްލިންޓަން އަދި މިޝެލް އޮބާމާ ވަނީ އެކި ފަހަރު މަތިން އެ ބްރޭންޑްގެ ހެދުން ތުރުކުރައްވާފަ އެވެ.

އިވެންޓް ނިމުމާއެކު އޮސްކާ ޑި ލަ ރެންޓާއިން ވަނީ އިންސްޓަގްރާމް މެދުވެރިކޯށް ހިއްސާކުރި ފޮޓޯއަކާއެކު އަލަށް އިންތިހާބުވެ ވަޑައިގަތް ޖޯ ބައިޑެންއަަށާއި ފަސްޓް ލޭޑީކަން ކުރައްވާނެ ޖިލް ބައިޑެންއަށް މަރުހަބާ ކިޔާފަ އެެވެ. އަދި ޖިލް ތުރުޖުރައްވައިގެން ހުންނެވީ، އެ ބްރޭންޑްގެ ނެވީ ފްލޯރަލް ވައިން ޑްރެސްއެއް ކަމަށް ވަނީ ބުނެފަ އެވެ.