އިދިކޮޅުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުމަށް އެ ކޯލިޝަނަށް އަންގާފައި ނުވާ ކަމަށް ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޯލިޝަންގެ ހަރަކާތް ކޮމިޓީގެ މެމްބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ، އެއްވެސް އިދާރާއަކުން، ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތް ނުބާއްވަން އަންގާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް އެއްވެސް ސަރުކާރުގެ އިދާރާއަކުން މި އިހުތިޖާޖް ކުރިއަށް ނުގެންދެވޭނެ ކަމަކަށް އަންގާފައެއް ނުވޭ. އަދި ގައުމީ ސަލާމަތަށް ނުރައްކާ ހުރި އިހުތިޖާޖެއްގެ ގޮތުގައި ވެސް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން އަޅުގަނޑުމެންނަށް އަންގާފައެއް ނެތް،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ، މާލޭގައި ބާއްވަން ހަމަޖެހުނު "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނިކޮށެވެ.

އެ ހަރަކާތް ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ، އެކަމާއި ގުޅިގެން އެ ހަރަކާތް އިންތިޒާމުކުރައްވާ ބޭފުޅުންނާއި ފުލުހުންނާ މުއާމަލާތް ކުރެވެމުންދާ ކަމަށެވެ. އޭގެ އިތުރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެފަދަ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެކަން މިހާރު އެ ހަރަކާތް އިންތިޒާމުކުރައްވާ ބޭފުޅުންނަށް އަންގަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރާއި މަޖިލީހުން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނެފައިވަނީ އެ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅާ ފާސްކުރި ނަމަވެސް އެފަދަ ގާނޫނަކަށް އަމަލުނުކުރައްވާނެ ކަމަށް އިދިކޮޅު ކޮލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިދިކޮޅުން ވެރިރަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތަކީ "ނޭވާހޮޅިޔަށް" ނަމުގައި ބޭއްވުމަށް ހަމަޖައްސައިފައިވާ ހަރަކާތެކެވެ.