ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ރެހެންދި އެވޯޑު ހޯދި ނުވަ ފަރާތަކަށް އެ އެވޯޑް ރޭ ހަވާލުކޮށްދެއްވައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ރެހެންދި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވީ ގޭގެ މަސައްކަތުގައި ފިރިމީހާ ހިއްސާވާނަމަ އަންހެނުންގެ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށެވެ

ރައީސް ސޯލިހު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ތަފާތު ޝިއާރުތައް ކަނޑައަޅާ ކަމަށެވެ. ނަމަވެސް އެފަދަ ޝިއާރުތަކަކީ ހަމައެކަނި ބަސްތަކެއްގެ ބަދަލުގައި، އެކަމާ މެދު ވިސްނައި، ފިޔަވަޅު އަޅާ، ނަތީޖާ ނެރޭ ބަސްތަކަކަށް ހަދަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެެ.

ފަޒްނާގެ ވާހަކަފުޅުގައި ދެމެހެއްޓެނެވި ތަރައްގީއަށް އަންހެނުންގެ ދައުރުގެ މުހިއްމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.

އެކަމަނާގެ ވާހަކަފުޅުގައި ގޭތެރޭގެ ކަންކަމުގައި ފިރިމީހާގެ ހިއްސާ ވެސް މުހިއްމުކަން ފާހަގަކުރެއްވި އެވެ. އެގޮތުން ގޭތެރޭގައި ފިރިމީހާގެ ހިއްސާ އޮންނަނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެކަން ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފަ އެވެ. ‏އޭގޮތުން 2022 ވަނަ އަހަރު ރެހެންދި އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ ރައީސް ސޯލިހު އެވެ. އަދި ‏2022 ވަނަ އަހަރު ރެހެންދި އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކަށް، ބުރޫޗް ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އެވެ.

މިއަހަރު ރެހެންދި އެވޯޑް ހާސިލްކޮށްފައިވާ 9 ފަރާތަކީ:

  • ލެފްޓިނެންޓް ފިރުޝާން ތައުފީގު، މާތޮޑާ އަވަށް، ސަންރައިޒް، ގދ. ފަރެސްމާތޮޑާ: ސިއްހީ ދާއިރާ
  • ޝިމްލާ އަހުމަދު، އާސްޓްރަލްގެ، ސ. ހިތަދޫ: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
  • ފާތުމަތު ޖަބީން، މ. ނިވްހިލްމަން، ކ. މާލ : އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާއިން
  • - އާއިޝަތު އިބްރާހީމް، ހ. ކުއްޅަވަށްގަސްދޮށުގެއާގެ، ކ. މާލެ: ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ
  • - މޯލްޑިވްސް ޕޯޓްސް ލިމިޓެޑް: ވަޒީފާ ދޭ ފަރާތްތައް، މުއައްސަސާތަކުގެ ދާއިރާ
  • - އިއްޒަތު އަހުމަދު ނިޒާރު، ސެލްވިން، ހދ. މަކުނުދޫ: ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާ
  • - ޑރ. ފާތިމަތު މުފްލިހާ، ހ. ކަނޑިގެ 2، ކ. މާލެ: ސިއްހީ ދާއިރާ
  • - ނަފީސާ އަލީ، މުނިޔާގެ، ތ. ވިލުފުށި: އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންގެ ދައުރު
  • - ދިމްނާ ފާކިރު، ގުލްދަސްތާގެ، ސ. ފޭދޫ: އިޖުތިމާއީ ދާއިރާ

ރެހެންދި އެވޯޑަކީ ދިވެހި އަންހެނުން ކުރާ މަސައްކަތްތަކާއި ހިދުމަތްތައް ފާހަގަކުރުމަށް ދޭ އެވޯޑެކެވެ. އެގޮތުން ރެހެންދި އެވޯޑް ދޭން ފަށާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.

މިއަހަރުގެ ކުރިން ރެހެންދި އެވޯޑު ދީފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. އެފަހަރު 14 އަންހެނަކު ރެހެންދި އެވޯޑު ހާސިލްކޮށްފައިވެ އެވެ.