ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އައްޑު އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މާދަމާއިން ފެށިގެން މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރައީސް ސޯލިހު ފުވައްމުލަކު އާއި އައްޑުއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އައްޑު އަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ އަވަށްތަކަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ދަތުރުފުޅުގައި ފުވައްމުލަކަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މިއީ ރައީސް ސޯލިހު 2019ގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ފަހު ރައީސް ސޯލިހު އައްޑު އާއި ފުވައްމުލަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ބައެއް ތަންތަން ރަސްމީކޮށް ހުޅުވަން ވެސް ނިންމާފައިވެ އެވެ. އެއީ؛

  • އައްޑޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން.
  • ޕޮލިސް އެކަޑަމީ ހުޅުވައިދެއްވުން.
  • މަރަދު އާއި މީދޫ ބަނދަރު ހުޅުވައިދެއްވުން.
  • ހިތަދޫ މަސްޖިދުލް އިބްރާހިމް ހުޅުވައިދެއްވުން.
  • ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުވައިދެއްވުން.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ނިންމެވިއިރު، އެއީ ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ މަޝްރޫއުއަކަށް ވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ. އެއީ އައްޑޫގެ ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ މަޝްރޫއުއަކަށް ވާތީ، އެކަން ހުއްޓާލަން ޓްރާންސްޕޭރެންސީ ހިމެނޭ ގޮތަށް ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ވަރަށް ގިނަ ޖަމިއްޔާތަކުން ގޮވާލައިފައިވެ އެވެ.