ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފައިބަން ޖެހޭ ކަމަށާއި އަދި ބޭނުންފުޅުވަނީ އިންޑިއާއާއެކު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތައް ބާތިލުކޮށް، ރާއްޖެ އަސްކަރީ ހަރަކާތްތަކުން އެއްފަރާތްވާން ކަމަށް ކުރީގެ ރައީސް ޔާމީން ރޮއިޓާސް ނިއުސްއެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ދެއްވި އެ އިންޓަވިއުގައި އެ މަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ހަމައެކަނި ގެއްލެނީ ގައުމީ ސަލާމަތް ނޫން ކަމަށާއި އެކަމަކުގެ ސަބަބުން ތަރައްގީ އާއި ކުރިއެރުމަށް ހުރަސްއެޅޭ ކަމަށެވެ. އެ މަނިކުފާނު ތުހުމަތު ކުރައްވާ ގޮތުގައި އިންޑިއާ އިން ވަނީ ރާއްޖޭގައި އަސްކަރީ ބޮޑު ފައުޖެއް ގާއިމުވެ ތިބެވޭނެ ގޮތް ހަދައިފަ އެވެ.

"އޭގެ ސަބަބުން ހަމައެކަނި އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ނޫން. އަޅުގަނޑުމެންގެ ކުރިއެރުމާއި ތަރައްގީއަށް ވެސް ހުރަސް އެޅޭ،" އިންޑިއާގެ އަސްކަރިއްޔާ ގާއިމުވެ ތިބުމާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޕީޕީއެމް އޮފީސް ދޮރުމަތިން މީހަކު ހިނގާފައި ދަނީ. ފޮޓޯ: ރޮއިޓާސް

ރައީސް ޔާމީނަކީ ވަރަށް މަދުން ނޫނީ ބޭރުގެ މީޑިއާތަކަށް އިންޓަވިއު ދެއްވާ ބޭފުޅެއް ނޫނެވެ. އެ މަނިކުފާނުގެ މި އިންޓަވިއު މިއަދު ގެނެސްދިންއިރު އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މާލޭގައި ބޮޑު މުޒާހަރާއެއް މިއަދު ހަވީރު ބާއްވަން ނިންމާފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މި ރާއްޖޭގައި އިތުރު ބައެއްގެ ރޯލް އޮންނަން ބޭނުން ނޫން ކަމަށެވެ.

"މިއަހަރު ނިމުމުގެ ކުރިން އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. ހަމަކަށަވަރުން ވެސް އަހަރެމެންގެ އަމިއްލަ ގައުމުގައި މިތަނުގައި ދެވަނަ ފަހަރަށް އަސްކަރީ ކުޅިވަރެއް ކުޅުމަކީ އަހަރެމެން ރުހޭނެ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އިންޑިއާ ކަނޑު، ހާއްސަކޮށް އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތައް މިލިޓަރީ ވެގެން ދާކަށް. މި ސަރަހައްދަކީ ޑީމިލިޓަރައިޒްޑް ޒޯނެއްގެ ގޮތުގައި އޮންނަން އަޅުގަނޑު ވަރަށް ލޯބިވޭ. އަޅުގަނޑުމެން މިތަނުން ބޭރުގެ އެއްވެސް ބާރެއް ދެކެން ބޭނުން ނުވަނީ،" ޗައިނާ އާއި އެމެރިކާ ފަދަ އެހެން ގައުމުތަކުން މި ސަރަހައްދުގައި އަސްކަރީ ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެ ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޮއިޓާސްއަށް ވިދާޅުވީ އިންޑިއާ ސިފައިން އެގައުމުގައި ތިބުމަކީ ރާއްޖޭގެ ދިފާއީ ބާރުތަކުން ބޭނުންކުރާ ސާޗް އެންޑް ރެސްކިއު އެންޑް ސަވައިލެންސް ތިން މަތިންދާ ބޯޓަކާއި އަސްކަރީ ހޮސްޕިޓަލެއްގެ މެޑިކަލް ޓީމެއް އޮޕަރޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް އެކަނި ކަމަށެވެ. އަދި ރާއްޖޭގައި އިތުރު ބޭރުގެ އަސްކަރީ ފައުޖެއް ނެތް ކަމަށް ވެސް ބުންޏެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ އަދިވެސް ވިސްނަވަމުން ގެންދަވަނީ ކަމަށެވެ.

އަޅުގަނޑު އެނބުރި މިހިރީ އައިސް. އަޅުގަނޑު ހީއެއް ނުކުރަން އަޅުގަނޑު ދުވަހަކު ވެސް ދިޔަ ކަމަކަށް އަދި މީހުން ވެސް އަޅުގަނޑު ދޫކޮށްފައި ދިޔަ ކަމަކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.