އިންޑިއާއިން އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ މާދަމާ ހުޅުވާއިރު، މޭޔަރު އަލީ ނިޒާރުގެ ކާރުގައި "އިންޑިއާ އައުޓް" ލިޔެ، ސްޕްރޭކޮށްފި އެވެ.

ހުދު ކުލައިގެ ކާރުގެ ބޮނެޓް މަތީގައި ނޫ ކުލައިން ސްޕްރޭކުރީ، ގެ ކައިރީ ކާރު އޮއްވައި ކަމަށްވެ އެވެ. ކާރަށް ސްޕްރޭކުރި ނަމަވެސް އިތުރު އެއްވެސް ގެއްލުމެއް ދީފައެއް ނުވެ އެވެ.

މޭޔަރު ނިޒާރު ވިދާޅުވެފައި ވަނީ އޭނާގެ ކާރަށް ސްޕްރޭކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ފުލުހުން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

"މިއީ ސިޔާސީ ގޮތުން ދިމާކުރަން ބަޔަކު ކޮށްފައި އޮތް އެއްވެސް ތާކުންތާކު ނުޖެހޭ އަމަލެއް،" ނިޒާރު ވިދާޅުވި އެވެ.

މޭޔަރުގެ ކާރުގެ ސްޕްރޭކުރުމުގެ އިތުރަށް "އިންޑިއާ އައުޓް" އިބާރާތް ފެނަކަ ހިތަދޫ އޮފީހުގެ ފާރަށް ވެސް ހަމަ ނޫކުލައިން ސްޕްރޭކޮށްފައިވެ އެވެ.

"އިންޑިއާ އައުޓް" އަކީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ދެކޮޅަށް ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ ކެމްޕޭނެއްގެ ސްލޯގަން އެވެ. މިއީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލާ ހަރަކާތެކެވެ.

މީގެ ކުރިން ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ އެކި ތަންތަނުގެ ފާރުގައި ވެސް "އިންޑިއާ އައުޓް" ލިޔުނު މައްސަލަތައް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

ނިޒާރުގެ ކާރަށް ސްޕްރޭކުރިއިރު، ޕޮލިސް އެކެޑަމީ ހުޅުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގަންނަވާނެ އެވެ. އެ އެކެޑަމީއަކީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަށް ހަދާ މިލިޓަރީ ބޭސްއެއް ކަމަށް ބުނެ ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.