މެނީލާ (26 މާޗް) - ފިލިޕީންސްގެ ވެރިރަށް މެނީލާގެ ރަށްބޭރުގައި ހުންނަ އަލިފާން ފަރުބަދައެއް ގޮވައި އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގޮސްފި އެވެ.

މެނީލާގެ ހުޅަނގުން އޮތް ކޯރެއްގައި ހުންނަ ތާލް ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވާފައިވަނީ ފިލިޕީންސް ގަޑިން މިއަދު ހެނދުނު 7:15 ހާއިރު އެވެ.

އެ ގައުމުގެ އިންސްޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސެއިސްމޮލޮޖީ އިން ބުނީ ކުރިއަށް އޮތް ވަގުތު ތަކުގައި އިތުރު ގޮވުންތަކެއް އެ އަލިފާން ފަރުބަދައިން ގޮވުމަކީ އެކަށީގެންވާ ކަމެއް ކަމުގަ އެވެ.

ކޯރުގެ ވަށައިގެން ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އެ އިންސްޓިއުޓުން ކުރި އިލްތިމާސްއާއެކު ގިނަ ބަޔަކު ވަނީ އެ ސަރަހައްދު ދޫކޮށް ދާން ފަށާފަ އެވެ.

މި ގޮވުމަށްފަހު ގިނަ ބިންހެލުން ތަކެއް ރެކޯޑު ކުރެވިފައިވާއިރު ވޮލްކެނޮލޮޖީ އިންސްޓިއުޓުން ވަނީ މިކަމުގެ ސަބަބުން ރަތް ސަމާލު ނެރެފަ އެވެ.

12000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އެ ސަރަހައްދުން މީހުން ހުސްކުރަން ފަށާފައިވާއިރު ނުރައްކާ ހިސާބުތަކަށް މީހުން ވަނަ ނުދިނުމަށް ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

މި އަލިފާން ފަރުބަދައިގެ ނުރައްކާތެރި ގޮވުމެއް އެންމެ ފަހުން ގޮވާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. -- އަލް އަރަބިއްޔާ