އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ގެންނަ އުޅަނދުތަކުގެ ވެރިންނާއި އޭޖެންޓުންގެ ކަންބޮޑުވުންތައް އެމްޕީއެލްއާ ހިއްސާކޮށްފި އެވެ.
އިންޑިއާގެ، ޓުޓިކޮރިންނަށް ރަސްމީ ދަތުރެއްގައި ވަޑައިގަތް، މި ކުންފުނީގެ މެނޭޖްމަންޓްގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުﷲ އާއި ކާގޯ ކްލިއަރަންސް ޑިޕާޓްމަންޓްގެ ހެޑް ތޮލްހަތު ސައީދާއި ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު އަބްދުލް ސައްތާރު އަދި ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕީއާރް ޑިޕާޓްމަންޓްގެ ހެޑް މުޙައްމަދު އަމީޒެވެ. މީގެ އިތުރުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ސީނިއާ ދެ އޮފިޝަލުން ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަތެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ މެނޭޖްމަންޓް ޓީމާއެކު މިދިޔަ ހުކުރު ދުވަހުގެ އޮތް ބައްދަލުވުމުގައި، އިންޑިއާގެ "ކޯސްޓަލް މެކަނައިޒްޑް ސެއިލިން ވެސެލް އޯނާސް އެސޯސިއޭޝަން" އާއި ޓުޓިކޮރިން އިން ރާއްޖެ އަށް ދަތުރުކުރާ އުޅަނދުތަކުގެ ވެރިންނާއި ޝިޕިން އޭޖެންޓުން ބައިވެރިވި އެވެ.
"މި ބައްދަލުވުމުގައި ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ގެންނަ އުޅަނދުތަކުގެ ވެރިންނާއި އޭޖެންޓުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައި. އަދި ދެ ފަރާތުން ވެސް ވަނީ މިހާރު ދިމާވެފައިވާ ދަތިތަކާއި، މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭ މަޝްވަރާތައްކޮށްފައި،" އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ރާއްޖެ އަށް ކަނޑުގެ މަގުން ގެންނަ ކާބޯތަކެތީގެ ބޮޑު ބައެއް ޓުޓިކޮރިން ބަނދަރުން ގެންނައިރު، ކުރިއަށް އޮތް ރަމަޟާން މަހު އެއްވެސް ހުއްޓުމެއް ނެތި ކާބޯތަކެތި ރާއްޖެ އަށް ގެނެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް، ދެ ފަރާތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މި ދަތުރުގައި، އެމްޕީއެލްއެލްގެ މެނޭޖްމަންޓް ޓީމުން ވަނީ ޓުޓިކޮރިންގެ އެކި ބަނދަރުތަކަށް ވެސް ޒިޔާރަތްކުރައްވައިފަ އެވެ. މީގެ އިތުރުން، ޕޯޓް ލޮޖިސްޓިކްސްއާ ގުޅޭ ބައެއް ފެސިލިޓީޒްތަކަށް ވެސް އެމްޕީއެލްގެ މެނޭޖްމަންޓްގެ ޓީމުން ވަނީ ޒިޔާރަތްކުރައްވައިފަ އެވެ.