ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މައުލޫމާތު ދޭ ގޮތުގައި މާދަމާއަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައި ވަނީ، މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ދައުލަތުގެ ވަކީލުން ބަލިވެ އުޅޭތީ ދައުލަތުގެ ފަރާތުން އެދިގެންނެވެ.
ފުއްގިރި މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މިހާރު އޮތީ ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގަ އެވެ. އެ މަރުހަލާގައި މައްސަލަ މަޑުޖެހިފައި އޮންނަތާ ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ.
މީގެއިތުރުން ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަށަށް ހުށަހެޅުނު އަގަށްވުރެ ކުޑަ އަގެއްގައި ކަމަށް ހެކިވެރިއަކު ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފަ އެވެ.
މި މައްސަލައިގެ އަޑުއެހުން ކެންސަލްވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ދެން ދައުވާކުރާ އާރަށް މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ވަނީ ތާވަލުކޮށްފަ އެވެ. އާރަށް މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގާފައިވާއިރު، ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ އޮތުމުން މީގެ ކުރިން ކްރިމިނަލް ކޯޓުގައި ޝަރީއަތް އޮތީ މަޑުޖައްސާލާފަ އެވެ.
ރައީސް ސޯލިހު ސިއްރިއްޔާތުގައި ފައިސަލްއަށް ކެމްޕޭން ކުރައްވަނީ!
ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 22 ރުފިޔާއަށް ބޮޑުކޮށްފި
ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ނުވިއްކަން: ޒަރީރު