ބޭރު ފައިސާއާބެހޭ ގާނޫނަށް މި ފަހުން ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. އެ ގޮތުން، ސެޕްޓެންބަރު 1، 2026ގައި ގެޒެޓްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބޭރު ފައިސާ މާރުކުރުމާއި، މާރުކުރާ ސުންގަޑިތަކާއި ކެޓަގަރީ ސީގެ ޝަރުތުތަކަށް ވެސް ބަދަލު އައިސްފައިވެ އެވެ.
މި އިސްލާހާއެކު، އައިސްފައިވާ މައިގަނޑު ބަދަލުތަކަކީ މިއީ އެވެ.
ބޭރު ފައިސާ މާރުކުރުން
ފައިސާ މާރުކުރުމުގައި ކެޓަގަރީ އޭއާއި ކެޓަގަރީ ސީއަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ނަމަވެސް، މާރުކުރުމުގައި ކެޓަގަރީ ބީއިން މާރުކުރަންޖެހޭ އަދަދަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.
މާރުކުރަން ޖެހޭ އަދަދަށް އައި ބަދަލުތަކަކީ:
ކެޓަގަރީ އޭ: މިހާރު މާރުކުރަން ޖެހެނީ ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ އެވެ. ކުރިން އޮންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމުގެ އިޚްތިޔާރު ގާނޫނަށް އައި އިސްލާހުގައި ވަނީ އުނިކުރެވިފަ އެވެ.
ކެޓަގަރީ ބީ: މި ކެޓަގަރީގައި މާރުކުރަން ޖެހޭ އަދަދަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.
ކެޓަގަރީ ސީ: ކުރިން މި ކެޓަގަރީގައި ހިމެނެނީ ޓޫރިޒަމް ދާއިރާއާއި މާލީ އިދާރާތައް ނޫން ވިޔަފާރިތަކުގެ ތެރެއިން 15 މިލިއަން އެމެރިކާ ޑޮލަރު އަހަރެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭ ފަރާތްތަކެވެ. ނަމަވެސް، އިސްލާހުކުރެވުނު ގާނޫނުގައި ވާ ގޮތުން، ސީ ކެޓަގަރީގެ ގޮތުގައި ބަލާނީ 25 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭ ޓޫރިޒަމާއި މާލީ އިދާރާތައް ނޫން ވިޔަފާރިތަކެވެ.
ސީ ކެޓަގަރީގައި ހިމެނޭ ވިޔަފާރިތަކުން މިހާރު މާރުކުރަން ޖެހެނީ 40 އިންސައްތަ އެވެ. ނަމަވެސް، އެ ވިޔަފާރިތަކަކީ 100 އިންސައްތަ ދިވެހީން ހިއްސާވާ ވިޔަފާރިތަކެއް ނަމަ އެ ތަންތަނުން މާރުކުރަން ޖެހޭ އަދަދަކީ 7 އިންސައްތަ އެވެ.
މާރުކުރާ ސުންގަޑި ބަދަލުވުން
ބޭރު ފައިސާއާ ބެހޭ ގާނޫނަށް އައި އިސްލާހުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ މާރުކުރާ ސުންގަޑިއަށް އައި ބަދަލެވެ. ކުރިން މާރުކުރުމަށް 3 މަސްދުވަސް ލިބުނަސް މިހާރު އޮންނަ ގޮތުން ނަމަ ކޮންމެ މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާއިން މާރުކުރަން ޖެހޭ އަދަދު ޖެހިގެން އަންނަ މަހުގެ 28ގެ ކުރިން މާރުކުރަން ވާނެ އެވެ. މާނައަކީ މި ސެޕްޓެންބަރުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ މާރުކުރަން ޖެހޭ އިންސައްތަ އޮކްޓޫބަރު މަހު 28ގެ ކުރިން މާރުކުރަން ޖެހޭނެ އެވެ.
ބޭރު ފައިސާ ގަނެވިއްކުން
ބޭރު ފައިސާ ގަނެވިއްކުމުގައި އަމަލުކުރާނެ ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަށް އިސްލާހު ގެނެވުނު ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މީގެ ކުރިން، ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރަމުން ގޮސްފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.
މި ގާނޫނުގެ ދަށުން އެ އޮތޯރިޓީން އެކުލަވާލަން ޖެހޭ ގަވާއިދުގައި ފައިސާ މާރުކުރުމުގެ ވިޔަފާރި ރެގިއުލޭޓްކޮށް ސްޕަވައިޒް ކުރުމާގުޅޭ ކަންކަން ބަޔާން ކުރަންވާނެ އެވެ. އަދި ލައިސަންސް ދިނުމުގެ އުސޫލުތަކާއި ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަމަލުކުރަންވީ ކަންތައްތަކުގެ އިތުރުން، މި އިސްލާހު އައުމުގެ ކުރިން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތްތަކުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރަން ވާނެ އެވެ. މި ދެންނެވި ގަވާއިދު އަދި އެ އޮތޯރިޓީން ގެޒެޓްކޮށްފައި ނުވެ އެވެ.
ބޭރު ފައިސާއިން ކުރާ ބައެއް މުއާމަލާތްތަކުގައި އޮތޯރިޓީގެ ހުއްދަ ހޯދުން
މި ގާނޫނުގެ 4 ވަނަ މާއްދާގައި ބައެއް އިލްތިޒާމުތައް އަދާކުރުމުގައި ބޭރު ފައިސާއިން މުއާމަލާތް ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް، ބޭރު ފައިސައިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލާއި ހޯދާ ޚިދުމަތުގެ އަގު، ބޭރު ފައިސާއިން އަދާކުރުމަށް އެ ވިޔަފާރިއަކުން ބޭނުންވާ ނަމަ ބޭރު ފައިސާއިން އަގު އަދާކުރުމުގައި އެމްއެމްއޭގެ ހުއްދައަށް އެދެންވާނެ އެވެ.
އެކައުންޓުގެ މައުލޫމާތު ދިނުން
މި ގާނޫނުގެ ދަށުން ބޭންކު އެކައުންޓްތަކަށް ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރަން ވާނީ، އެމްއެމްއޭ އިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށެވެ. އަދި އެ އެކައުންޓުގެ މައުލޫމާތު އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތީން އެ އެތޯރިޓީއަށް ދޭންވާނެ އެވެ.
ޖުމްލަކޮށް ބަލާއިރު، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނެވުނު މި އިސްލާހުތަކުން ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން މާރުކުރަން ޖެހޭ މިންވަރާއި، އެ ފައިސާ މާރުކުރާ ސުންގަޑިއާއި، ބޭރު ފައިސާއިން މުއާމަލާތް ކުރުމާ ގުޅޭ އުސޫލުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވެ އެވެ.
އެހެންވެ، މި ގާނޫނުގެ ދަށުން ޒިންމާތައް ކަނޑައެޅިފައިވާ ވިޔަފާރިތަކުން އައު ޝަރުތުތަކާއި ސުންގަޑިތަކާ ގުޅޭ މައުލޫމާތު ރަނގަޅަށް ބަލައި، ގާނޫނާއި އެއާ ގުޅިގެން ނެރޭ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން މުހިންމެވެ.
ދެ ބޯޓު ބްރިޖުގައި ޖެހުނު މައްސަލާގައި އިހުމާލެއްވޭތޯ ބަލަނީ
އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރުކޮށްދޭ ފަސޭހަ އާދަތަކެއް!
އެންމެ ފަހުން ކުށަށް އިއުތިރާފްވެ އެޑް ޝީރަން މައާފަށް އެދެފި