އިޒްރޭލުގެ އެއްވެސް މީހަކު ރަހީނުކޮށްފިނަމަ، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާ ސިޓީގެ ހުރިހާ ރައްޔިތުން އެ ތަނުން ބޭރުކޮށް، އެއް މިލިއަން މީހުން ހާލުގައި ޖައްސާނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވައުދުވެއްޖެ އެވެ.

1973 ވަނަ އަހަރުގެ ޔޮމް ކިޕޫރު ހަނގުރާމައިގެ ހަނދާނީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވަނީ ޣައްޒާގެ އިންފްރާސްޓްރަކްޗަރު ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ. މަދަނީން މަޖުބޫރުން ގެދޮރުން ބޭރުކުރުމަކީ ޖެނީވާ ކޮންވެންޝަނުގެ ދަށުން ހަނގުރާމައިގެ ކުށެކެވެ.

"އަހަރެން މިހާރު ޓެރަރިސްޓް ޖަމާއަތްތަކަށާއި، އީރާނުން ފެށިގެން އުރުދުޣާނާ ހަމައަށް އެ ޖަމާއަތްތަކަށް ތާއީދުކުރާ ފަރާތްތަކަށް އިންޒާރު ދެން - އިޒްރޭލުގެ އެންމެ ސިފައިންގެ މީހަކު ނުވަތަ އާންމު ރައްޔިތަކު ރަހީނުކުރި ނަމަވެސް، މުޅި ޣައްޒާ ސިޓީއާއި އެތަނުގެ ގެދޮރާއި އިމާރާތްތަކާއެކު، އެ ސިޓީގައި ދިރިއުޅޭ މިލިއަނެއްހާ ރައްޔިތުން ދެކުނަށް ފޮނުވާލެވޭނެ،" އިޒްރޭލުގެ ހަމަލާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާނާއި ހަމާސްއަށް އިޝާރާތް ކުރައްވައި ކާޓްޒް ވިދާޅުވި އެވެ.

"މިއީ ޣައްޒާއާއި ލުބުނާނުގައި ހަރަކާތްތެރިވާ ޖިހާދީ ޓެރަރިސްޓް ޖަމާއަތްތަކަށް ފަހުމްވާ ބަހަކީ، އަދި މިއީ އަހަރެމެން ވާހަކަދައްކާ ބަހަކީ، އާބާދީ ބޭރުކުރުމާއި، އިންފްރާސްޓްރަކްޗަރު ސުންނާފަތިކުރުމާއި، ސަރަހައްދު ހިފުން،" ލުބުނާނުގެ ހިޒްބުالله ޖަމާއަތަށް އިޝާރާތް ކުރައްވައި އޭނާ އިތުރަށް ވިދާޅުވި އެވެ.

މުނިސިޕަލްޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޣައްޒާ ސިޓީގައި ގާތްގަނޑަކަށް 1.1 މިލިއަން މީހުން ދިރިއުޅެ އެވެ. މުޅި ޣައްޒާގެ އާބާދީގައި ދެ މިލިއަނެއްހާ މީހުން ތިބިއިރު، ތިން އަހަރާ ގާތްވާ ހަނގުރާމައަށްފަހު، އެ އެންމެން މިހާރު ތިބީ އިޒްރޭލުގެ ކޮންޓްރޯލް ނެތް 30 އިންސައްތަ ސަރަހައްދަށް ފިތި ބާރުވެފަ އެވެ.

އިޒްރޭލުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާގައި 1,221 މީހުން މަރުވެ، 251 މީހުން ރަހީނުކޮށްގެން ޣައްޒާއަށް ގެންގޮސްފައިވެ އެވެ. މީގެ ތެރެއިން 44 މީހަކީ އޭރުވެސް މަރުވެފައިވާ މީހުންނެވެ.

މީގެ ރައްދުގައި އިޒްރޭލުން ފެށި ވަރުގަދަ އަސްކަރީ ހަމަލާތަކުގައި ގާތްގަނޑަކަށް މުޅި އާބާދީ މަދުވެގެން އެއްފަހަރު ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު، ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 73,919 މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަރުކަށި ބަސްމަގަށް މަޝްހޫރު ކާޓްޒް ދާދިފަހުން ވިދާޅުވީ، 2025 އޮކްޓޯބަރުގައި އެމެރިކާ މެދުވެރިވެގެން އެއްބަސްވި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އިއުލާނަށް އިޒްރޭލުން އެއްބަސްވީ ހަމައެކަނި ބާކީ ތިބި ރަހީނުން މިނިވަންކުރުމަށް ކަމަށެވެ. އަދި އިޒްރޭލުން އަލުން ޣައްޒާގައި ފުރިހަމަ ހަނގުރާމައަކަށް އެނބުރިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތައް އައިސްފައިވަނީ އޮކްޓޯބަރު 27 ގައި ބާއްވާ އިންތިހާބާ ދިމާކޮށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަތަންޔާހޫއަށް ތުހުމަތު ކުރެވެނީ ހަމަލާ ހުއްޓުވުމުގައާއި އޭގެ ފަހުން އަސްކަރީ ކާމިޔާބީއެއް ހޯދުމުގައި ނާކާމިޔާބުވެފައިވާ ކަމަށެވެ.

ކާޓްޒްގެ އެންމެ ފަހުގެ ވާހަކައިގައި، ހަމާސްއަށް ތާއީދުކުރާ އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

"މަސައްކަތް އަދި ނުނިމޭ، ބޭނުންވެއްޖެނަމަ ތިންވަނަ ފަހަރަށްވެސް ހަމަލާދީ، އެ ޓެރަރިސްޓް ސަރުކާރު ވައްޓާލައި ނައްތާލާނަން،" ކާޓްޒް ވިދާޅުވި އެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކެއްގައި، އިޒްރޭލުގެ ފުރަތަމަ ހަމަލާގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ.

އޭޕްރިލް މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަލާބަދަލުކުރުން ހުއްޓާލުމަކަށް އައިސް، މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަށް މަސައްކަތް ފެއްޓެވުމުން، އިޒްރޭލުން ވަނީ ނުރުހުމާއެކު ހަމަލާތައް ހުއްޓާލާފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، މިއީ އެމެރިކާގެ ވޯޓުލާ މީހުންގެ މެދުގައި ވަރަށް ބޮޑު ނުރުހުމެއް އޮތް ކަމެކެވެ.