ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާން ފިލްމީ ދާއިރާއިން ދުރަށް ދާން ގަސްދުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ފިލްމް އިންޑަސްޓްރީއާ ދުރަށް ދާން ފާއިތުވި ދެ އަހަރުން ފެށިގެން ވެސް ވިސްނާފައިވާ ކަމަށް ބުނެފަ އެވެ. ފިލްމުކުޅުމާއި ފިލްމު ޕްރޮޑިއުސްކުރުމުން ވެސް ދުރަށް ދާން ބޭނުންވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އާމިރު މީގެ ކުރިން އެ ވާހަކަތައް މީޑިއާތަކާއި ހިއްސާނުކުރީ، އޭނާގެ ކުރިއަށް އޮތް ފިލްމަށް އަސަރެއްކޮށްފާނެތީ ކަމަށް އޭނާ ބުންޏެވެ.

އާމިރު ބުނިގޮތުގައި އޭނާ ފިލްމު އިންޑަސްޓްރީއާ ދުރަށްދާ ވާހަކަ އާންމުންނާ ހިއްސާކުރި ނަމަ އެންމެން ވެސް ދެކޭނީ، އެއީ ފިލްމަށް "ޕަބްލިސިޓީ" ހޯދަން އާމިރު ގަސްތުގައިކުރި ކަމެއްގެ ގޮތުގަ އެވެ. އެ ސަބަބާ ގުޅިގެން އާމިރު، އެކަން މީޑިއާތަކާ ހިއްސާނުކުރީ ކަމަށް އޭނާ ބުނެފައިވެ އެވެ.

އާމިރު އިތުރަށް ބުނީ، އޭނާ ނިންމި މި ނިންމުމަށް، ކުރީގެ އަންހެނުން ކިރަން ރާއޮ، ހިތާމަކޮށް ރުއި ކަމަށެވެ. ނަމަވެސް ދެން ތިބި އާއިލާ މެމްބަރުން އެކަމަށް އިތުރަށް ބަހުސް ނުކުރާ ކަމަށް އާމިރު ބުނެފައިވެ އެވެ.

އާމިރު ބުނާ ގޮތުގައި ބެލުންތެރިންނަށް އާމިރު އެންމެ ފަހު ފަހަރަށް ފިލްމަކުން ފެނިގެންދާނީ "ލާލް ސިންގް ޗައްދާ" އިންނެވެ. އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު އޮގަސްޓު މަހުގެ 11 ވަނަ ދުވަހު އެވެ.