މާލޭގައި ދެ ފުޓްސެލް ދަނޑު އަޅަން ބޭނުންވާ ބަޖެޓް ދޭން ފިނޭންސް މިނިސްޓްރީގައި އެދިފައިވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓަރު މިފަދައިން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ޖަބާބު ދެއްވަމުންނެވެ.

މެމްބަރު އީވާ ވަނީ މާލޭގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތުގެ ފައިސާ ދޫކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު ސިޓީ ކައުންސިލާއި، މިނިސްޓްރީއާ މެދުގައި އެއްބަސްވުމެއް ސޮއިކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ސޮއި ކުރާތާ 20 ދުވަހުގެ ތެރޭގައި އެ ފައިސާ މާލެ ސިޓީ ކައުންސިލަށް ޖާމާކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެދިފައިވޭތީ އީވާ ސުވާލުކޮށްފައިވެ އެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މާލެ، ގަލޮޅު އަދި ތައިސޭކޮށީގައި ފުޓްސެލް ދަނޑު ގާއިމު ކުރުމުގެ މަސައްކަތަށް މާލެ ސިޓީ ކައުންސިލުން ހުށަހެޅީ 27،86293.50 ރުފިޔާ ކަމަށެވެ. އަދި އެ ރުފިޔާ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ޖަމާކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޕޯސްޓް ކުރުމުގައި ދިމާވި މައްސަލައަަކާ ގުޅިގެން މި ފައިސާ ވަނީ 2021 ވަނަ އަހަރުގެ ބަޖެޓުން ދެއްކޭގޮތް ނުވެފަ. އަދި 2022 ވަނަ އަހަރުގެ ބަޖެޓުން މި މަސަައްކަތުގެ ފައިސާ ސިޓީ ކައުންސިލަށް ޖަމާކުރުމަށް މިމަހުގެ 10 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ޕޯސްޓް ކުރެވިފައި." މިނިސްޓަރު ވިދާޅުވި އެވެ.