ނުވަދިހައިގެ އަހަރުތަކުގައި ފިރިހެން ބަތަލުންގެ ރޯލުތަކުން އެންމެ ވިދާލި ފަންނާނުންގެ ތެރޭގައި ހިމެނޭ އެކަކީ ގޯވިންދު އަރުން އަހޫޖާ އެވެ. އޭނާ އާންމުންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ ގޯވިންދާގެ ނަމުންނެވެ.

ނަމަވެސް އާންމުންގެ ތެރޭގައި މަގުބޫލުވުމުގެ ކުރިން ގޯވިންދާގެ ހަޔާތުގައި ހިތާމަ ކޮޅުންލި ދުވަސްތަކެއް ވޭތުކުރިކަން އޭނާ ވަނީ ކިޔައިދީފަ އެވެ.

އިންޑިއާގެ ނޫހަކަށް އޭނާ ދިން އިންޓަވިއުއެއްގައި ބުނީ، ފިލްމީ ދާއިރާއަށް ނިކުތުމުގެ ކުރިން ގޯވިންދާއާއި އޭނާގެ އާއިލާ، ފަގީރުކަން އޭނާ އެންމެ ފުނަށް ތަހައްމަލު ކުރި ކަމަށެވެ.

އެގޮތުން 1900ގެ އަހަރުތަކުގައި ގޯވިންދާގެ ބައްޕަ ނެރުނު ފިލްމެއް ފްލޮޕްވުމުގެ ސަބަބުން އާއިލާގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވި ކަމަށާއި، އޭރު ފިހާރައަށް ދިއުމުން، ގަންނަ ތަކެއްޗަށް ފައިސާ ދައްކާނެ ތަނަވަސްކަމެއް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެކަމާ ގޯވިންދާއާއި އޭނާގެ މަންމަ އެކީގައި އިނދެ ހިތާމަކުރި ކަމަށް ގޯވިންދާ ބުނެފައިވެ އެވެ.

ގޯވިންދާ ބުނާގޮތުގައި މާލީ ހާލަތު ރަނގަޅުވާން ފެށީ، 1986 ވަނަ އަހަރުގައި އޭނާ ފިލްމީ ސިނަމާގައި މަސައްކަތް ކުރުމަށް ފެށުމާއެކު އެވެ. އޭނާ ކުޅޭ ލަވަތައް ގިނަ ބަޔަކަށް ކަމުގޮސް، އޭނާގެ ފިލްމީ ކެރިއަރު ތަނަވަސް ވާން ފެށި ކަމަށް ގޯވިންދާ ބުނެފައިވެ އެވެ.

ފިލްމީ ދާއިރާއާ ގޯވިންދާ ދުރަށް ދިޔަ ނަމަވެސް އޭނާއަކީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. ގޯވިންދާގެ ލަވަތަކުގެ ތެރޭގައި އާންމުންނަށް ބޮޑު މަގުބޫލުކަމެއް ލިބިފައި ވަނީ އޭނާގެ ނެށުންތައް ފެންނަ ލަވަތަކެވެ.