މޮސްކޯ (01 އޭޕްރީލް) - ދުނިޔޭގެ އެކި ގައުމުތަކަށް ރަޝިއާއިން ފޯރުކޮށްދޭ ގޭހަށް މީގެ ފަހުން އަގު ދައްކަން ވާނީ ރަޝިއާގެ ފައިސާއިން ކަމަށާއި ނޫންނަމަ ގޭސް ނުލިބޭނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމީރް ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން މިހެން ވިދާޅުވެފައި މިވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ހާއްސަކޮށް ހުޅަނގުން އެގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރަޝިއާއިން ރައްދު ފިޔަވަޅުތައް އަޅަމުން ގެންދާ ވަގުތެއްގަ އެވެ.

ރަޝިއާއާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ބޭރު ފައިސާއިން އަގު ދައްކައިފިނަމަ އެ ފައިސާ އެ ގައުމަށް ބޭނުމެއް ނުކުރެވޭނެ އެވެ.

ރަޝިއާއިން އެހެން ގައުމުތަކަށް އެތެރެކުރާ މުދަލާއި ހިދުމަތްތަކަކީ މިވަގުތު ޕުޓިންގެ އެންމެ ވަރުގަދަ ހަތިޔާރަށް ވީއިރު އޭނާ އަންނަނީ މިކަމުގެ ފައިދާ ނަގަމުންނެވެ.

"މިގޮތަށް ފައިސާ ނުދައްކާނަމަ އެއްބަސްވުންތައް އުވާލެވޭނެ،" ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ޕުޓިން ވިދާޅުވި އެވެ.

ޕުޓިންގެ މި ފިޔަވަޅާއެކު ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ އެގައުމުތަކުން ރަޝިއާއާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް އެހެން ފައިސާއަކުން އަގު ނުދެއްކޭނެ ކަމަށް ބުނެފަ އެވެ.

ޕުޓިންގެ މި ފިޔަވަޅަކީ ރަޝިއާއިން ޔޫކްރެއިންއަށް އެރުމާއެކު ބޮޑުތަނުން އަގު ވެއްޓިފައިވާ ރަޝިއާ ފައިސާގެ އަގު މަތި ކުރަން އަޅާ ފިޔަވަޅެކެވެ.

"މި ފިޔަވަޅާއެކު ރަޝިއާގެ މިނިވަންކަމާއި އިސްތިގުލާލު ދެެމެހެއްޓޭނެ،" ޕުޓިން ވިދާޅުވި އެވެ.

އެހެން ނަމަވެސް ގިނަ ގައުމުތަކުން ވަނީ ޕުޓިންގެ މި ޑިމާންޑަށް ދެކޮޅު ހަދައި ގޭސް ލިބޭނެ އެހެން ގޮތްތައް ހޯދަން ފަށައިފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް