އެމެރިކާގެ ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ތުހުމަތުތަކާއެކު އޭނާގެ ސަޕޯޓަރުން މަގުމައްޗަށް ނުކުންނަން ނިންމައިފި އެވެ.

މީގެ އިތުރުން ޓްރަމްޕް ގެންދަވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ކޯޓަށް ވެސް ވަޑައިގަންނަވަން ތައްޔާރު ވަމުންނެވެ.

ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން ވައިޓްހައުސްގައި އިންނަވާނީ ކާކުކަން ކުރިއަށް މިއޮތް ދުވަސްތަކުގައި އެނގޭނެ ކަމަށެވެ.

އިންތިހާބުން ބައިޑެން ކުރިހޯއްދެވި ކަން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އިއުލާނުކުރުމާއި އެކީ ވެސް ޓްރަމްޕްގެ ސަޕޯޓަރުން ގެންދިޔައީ އެމެރިކާގެ އެކި ހިސާބުތަކުގައި އެކަމާ ދެކޮޅުހަދާ އެއްވުންތައް ބާއްވާފަ އެވެ.

ހުކުރު ދުވަހު ބައިޑެން ވަނީ ޖޯޖިއާ ކާމިޔާބު ކުރައްވާ ޖުމްލަ 306 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރައްވާފަ އެވެ. ޓްރަމްޕަށް ލިބިފައިވަނީ 232 ވޯޓެވެ.