އިގްތިސާދީ ބޮޑު އަނދަޅަކަށް ވެއްޓިފައިވާ ސްރީ ލަންކާގެ ރައީސާއި ބޮޑުވަޒީރު ފިޔަވައި ކެބިނެޓުގައި ހިމެނޭ ހުރިހާ ވަޒީރުން އެއް ފަހަރާ މިރޭ އިސްތިއުފާދީފި އެވެ.

ރައީސް ގޯޓާބޭ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ފިޔަވައި ކެބިނެޓުގެ 26 މިނިސްޓަރުން އެކުގައި އިސްތިއުފާ ދެއްވީ މިރޭ ލަންކާ ގަޑިން 12 ޖަހަން އުޅެނިކޮށް ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަގެ ކުރީން ސްޕޯޓްސް މިނިސްޓަރު ކަމާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ބޮޑުވަޒީރުގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ހަމްބަންޓޯޓާ އިން ރެކޯޑް އަދަދެއްގެ ވޯޓާއެކު އާންމު އިންތިހާބު ކާމިޔާބު ކުރެއްވި ނަމާލްއަކީ ލަންކާގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެކެވެ. ނަމަވެސް ބޮޑުވަޒީރު މަހިންދާ އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ކުރިން އާއްމުވި ޚަބަރުތަކާ ގުޅިގެން އެމަނިކުފާނުގެ އޮފީހުން ބުނެފައި ވަނީ މަހިންދާ އިސްތިއުފާ ނުދެއްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އާ ސަރުކާރެއް އެކުލަވާލި ނަމަވެސް ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާނީ މަހިންދާ ކަމަށް ވެސް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.

ލަންކާގެ މަޝްހޫރު ބައެއް ނޫސްތަކުން ވަނީ އެކުވެރި ޕާޓީތަކާއެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ލަންކާއަށް އައު ބޮޑުވަޒީރަކަށް ފުރުސަތު ދެއްވަން މަހިންދަ ނިންމަވާފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިރޭ މާދަންވުމުގެ ކުރިން ބޮޑުވަޒީރުގެ މަގާމުން މަހިންދަ އިސްތިއުފާ ދެއްވާނެ އެވެ. އަދި އައު ކެބިނެޓެއް އެކުލަވާލާ ވަގުތީ ސަރުކާރަކާއެކު ގައުމު ހިންގޭތޯ ރައީސް ގޯޓާބޭ ރާޖަޕަކްސޭ މަސައްކަތް ފަށާނެ އެވެ.

ރައީސް ގޮޓަބާޔާއަށް އިދިކޮޅު ޕާޓީތަކުން ހުށަހެޅި އެންމެ މުހިންމު ޝަރުތަކީ ލަންކާއަށް އައު ބޮޑުވަޒީރެއް ހަމަޖެއްސުމެވެ. އަދި އާ ސަރުކާރު އެކުލަވާލާނީ އިދިކޮޅު ޕާޓީތައް ވެސް ހިމަނައިގެންނެވެ.

ބޮޑުވަޒީރު ރާޖަޕަކްސަގެ ކޮއްކޯފުޅު ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވަނީ 36 ގަޑިއިރަށް ކާފިއު އިއުލާން ކުރައްވާފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ހުއްދަ ލިޔުމުން ލިބިގެން މެނުވީ، އާންމު އެއްވެސް މަގެއްގައި، ޕާކެއްގައި، ޓްރެއިންތަކެއްގައި ނުވަތަ ކަނޑުގެ އައްސޭރިފަށުގައި މީހުން އުޅުން މަނާކޮށް، ސޯޝަލް މީޑިއާ ވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.